ސިޔާސީ

އިންތިޚާބުވި އައު މަޖިލިސް "އަލިވިލޭނީ" އުފާވެރި ފަތިހަކަށް - ރައީސް ނަޝީދު


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ހޯދި ފުރިހަމަ ކާމިޔާބު މިސްރާބު ޖަހާފައިވަނީ އުފާވެރި ފަތިހަކަށް އަލިވިލުމާ ދިމާއަށްކަމަށް މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ލޮނު ޒިޔާރަތްކޮޅު ސަރަޙައްދުގައި ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ އެޕާޓީއަށް ތަނަވަސް އަޣްލަބިއްޔަތު ދިނީ ދިވެހި ރައްޔިތުން ކަމަށާއި އެ ރައްޔިތުން ހަވާލުކުރި މަސައްކަތް "އަކުރުން އަކުރަށް، ރަނުން ރަނަށް" ފުރިހަމަ ކުރައްވާނެކަމަށެވެ.

"ރާއްޖެ އަލިވިލެން ދަނީ މާ އުފާވެރި ފަތިހަކަށް. ރަން ރީނދޫއިން ޖަރީވެފައިވާ ފަތިހަކަށް. އުންމީދީ ފަތިހަކަށް. އިރާދަ ކުރެއްވިއްޔާ ތިބޭފުޅުން އަޅުގަނޑުމެންނާ ހަވާލު ކުރައްވާފައިވާ މަސައްކަތް. އަކުރުން އަކުރަށް، ރަނުން ރަނަށް، ކޮށްދޭނަން." ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު އެޕާޓީއަށް ކާމިޔާބު ކޮށްދެއްވުމަށް ރައީސް ސާލިޙް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިވަގުތު އެމްޑީޕީގެ އެންމެ އިސް ވާޖިބަކަށްވާނީ ރައީސް ޞާލިޙުގެ ސަރުކާރު އަމާންކަމާއެކުގައި ދެމެހެއްޓުންކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ތިޔަބޭފުޅުން ގެނެސްދެއްވި ކާމިޔާބެއް. އެއްވެސް އޮޅުމެއް ނެތް. ތިޔަބޭފުޅުން އިންތިޚާބު ކުރީ ނަޒާހަތްތެރި މަޖިލީހެއް. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވާޖިބު އަދާކޮށްދޭނަން." ނަޝީދު ވިދާޅުވިއެވެ.

މި ހަފްލާގައި ރައީސް ސާލިޙާއި ކެބިނެޓްގެ ވަޒީރުންނާއި ޖުމްހޫރީ ޕާޓީގެ ލީޑާރޝިޕްގެ ބޭފުޅުންނާއި ގިނަ ދިވެހި ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ނާއިބު ރައީސް ފައިސަލް ނަސީމާއި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ހިމެނިވަޑައިގަންނަވައެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީނަތީޖާ ދައްކާގޮތުން މާލޭގެ 14 ގޮނޑިއާއި އައްޑޫ ސިޓީގެ ހަތް ގޮނޑިއާއި ފުވައްމުލަކު ސިޓީގެ ތިން ގޮނޑި ހިމެނޭގޮތަށް މުޅި ރާއްޖޭގެ ފަސްދޮޅަހަށްވުރެ ގިނަގޮނޑި އެމްޑީޕީންވަނީ ކާމިޔާބުކޮށްފައެވެ.