ޚަބަރު

ޕީއެސްއެމުން ގެނެސްދޭ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ މިއަހަރު އޮޑިޝަންތައް މިމަހު 11 ގައި


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ކޮންމެ އަހަރަކު ރަމަޟާންމަހު ކުރިއަށްގެންދާ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ މިއަހަރު އޮޑިޝަންތައް މިމަހުގެ 11ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

މިއަހަރުގެ މުބާރާތުގެ ރެކޯޑިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 3 ސަރަހައްދެއްގައެވެ. އެއީ ހދ.ހަނިމާދޫއާއި ދ.ކުޑަހުވަދުއާއި މާލެ ސިޓީގައި. ހދ.ހަނިމާދޫގެ އޮޑިޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވަނަ ދުވަހާއި 12ވަނަ ދުވަހު އެރަށު ސްކޫލްގައެވެ. ކުޑަހުވަދޫގެ އޮޑިޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިމަހުގެ 18އިން 19އަށެވެ. މާލެސިޓީގެ އޮޑިޝަން އޮންނާނީ މިމަހުގެ 23އިން 28އަށް ޕީއެސްއެމް ރޭޑިއޯ ބިލްޑިންގައެވެ.

ތުއްތުކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސުވައި އެކުދިން ޤުރުއާނަށް އަހުލުވެރި ކުރުމުގެ މަޤްސަދުގައި ޕީއެސްއެމުން ކުރިއަށްގެންދާ މި މުބާރަތް މިއަހަރު އަމާޒުކޮށްފައިވަނީ ފަސް އަހަރާއި ބާރަ އަހަރާ ދެމެދުގެ ކުދިންނަށެވެ. މިއަހަރުގެ މުބާރާތުގެ މުޤައްރަރަކީ ސޫރަތުލް އައުލާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށެވެ.

ކޮންމެ ޢުމުރުފުރައެއްގައިވެސް ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލައި ކިޔެވުމުގެ ގޮފި ހިމެނެއެވެ. އަދި ދެގޮފީގެ ތެރެއިން ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ގޮތްޕެއްގައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ފޯމެއް ހުށަހަޅަން ނުޖެހޭއިރު ކޮންމެ ޢުމުރުފުރާއަކަށް ވެސް ކަނޑައެޅިފައިވާ ދުވަސްތަކުގެ ކަނޑައެޅިފައިވާ ގަޑިތަކުގައި އައިޑީކާޑު ހިފައިގެން ދިއުމުން އޮޑިޝަނުން ފުރުޞަތުދޭގޮތަށް ވަނީ ހަމަޖައްސާފައެވެެ. އަދި މި މުބާރާތުގެ ފައިނަލުބުރުގައި ކިޔެވުމުގެ ފުރުޞަތު ލިބޭނީ އޮޑިޝަނުން ހޮވޭ ބައިވެރިންނަށެވެެ.

މުބާރާތުގެ ރެކޯޑިން ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޞާންމަހުގެ ތެރޭގައެވެ.