ޚަބަރު

މިހާތަނަށް މަޖިލިސް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލާފައިވަނީ އިއްޔެ- އިލެކްޝަންސް ކޮމިޝަން


އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގައި 212079 (ދެ ލައްކަ ބާރަހާސް ހަތްދިހަ ނުވައެއް) މީހުން ވޯޓުލާފައިވާކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ރާއްޖޭގައި ބޭއްވި އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ އާންމުން ވޯޓުލި ފަހަރު ކަމަށެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގައި ދެލައްކަ ބާރަހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، އިއްޔެ ވޯޓުލުން ބަންދު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ކަނޑައެޅި ވަގުތު ހަމަވާން ބައިގަޑިއިރަށް ވީއިރުވެސް ވޯޓުލާފައިވާ މީހުންގެ ނިސްބަތް، ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ މީހުންނާ އަޅާ ބަލާއިރު ވަރަށް މަދު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ވޯޓުލުން ބަންދުކުރުން 2 ގަޑިއިރަށް ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު ގިނަ ބަޔަކު ވަނީ ނުކުމެ ވޯޓުލާފައެވެ.

މިއހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ދެ ލައްކަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ.

87 ދާއިރާއަކުން ވޯޓުލުމަށްޓަކައި މަޖިލިސް އިންތިޚާބުގައި ޖުމްލަ 501 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މީގެތެރެއިން މާލޭގައި 144 ވޯޓުފޮށި ބެހެއްޓިއިރު ރަށްރަށުގައި 307 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ރިސޯޓްތަކުގައި 33 ފޮށި އަދި ޖަލުތަކުގައި 5 ފޮށި، ބޭރުގެ ޤައުމުތަކުގައި 8 ފޮށި ބެހެއްޓިއިރު ސިނާޢީ ތަންތަނުގައި 4 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.