ސިޔާސީ

ސުޕަރ މެޖޯރިޓީއާއެކުވެސް ކޯލިޝަން ދަމަހައްޓާނަން - ރައީސް ޞާލިޙު


މަޖިލީސް އިންތިޚާބުން ލިބުނު ސުޕަރ މެޖޯރިޓީއާއެކުވެސް ކޯލިޝަން ދަމަހައްޓަން މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްޙޫރިއްޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެއުމަށް އެމް.ޑީ.ޕީއާއެކު ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރެއްވި ބުރަ މަސައްކަތް ހަނދުމަފުޅު ނުނެތޭކަމަށެވެ. އަދި މަޖިލީސް އިންތިޚާބުގައި ވާދަވެރި ކެނޑިޑޭޓުންގެ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓުން އިންތިޙާބުގައި ވާދަކުރުމަކީ ކޯލިޝަން ބައިބައިވާންޖެހޭ ސަބަބެއް ނޫންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ލިބުނު ކާމިޔާބާއެކުވެސް ކޯލިޝަން ޕާޓްނަރުންގެ މެދުގައި އޮތް ބަދަހިކަން ދަމަހައްޓާ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމަށްޓަކާ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނާއެކު މަސައްކަތްޕުޅު ކުރައްވާނެކަމަށްވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙު ވިދާޅުވީ، މަޖިލީސް އިންތިޚާބުން އެމް.ޑީ.ޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަމުންދާ މިދަނޑިވަޅުގައި، ކުރިއަށް ކުރަންހުރި މަސައްކަތްތައް މަތިން ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ. އެގޮތުން މުޢައްސަސާތައް މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންގެ އަސާސީ ހައްޤުތައް ކަށަވަރުކޮށްދީ، ޢަދުލް އިންސާފު ޤާއިމުކޮށް، ކޮރަޕްޝަނާއި ފަސާދައިގެ މޫތައް ލުހެލުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ހަޤީޤީ ފެށުން އަދި ކުރިއަށް އޮތީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަޤީޤީ ކާމިޔާބު ލިބުނު ބަޔަކީ ދިވެހި ރައްޔިތުންކަން ފާހަގަކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، އިންތިޚާބުގެ ހުރިހާކަމެއް އަމާންކަމާއި އޮމާންކަމާއެކު ނިންމާލުން އެއީ މުޖުތަމައެއްގެގޮތުގައި ދިވެހި ރައްޔިތުން ހޯދި ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި ކެމްޕެއިންގެ ކަންކަން ވާދަވެރި މާޙައުލެއްގެ ތެރެއިން ކުރަމުންދިޔައިރުވެސް ރުޅިވެރިކަމާއި ނަފްރަތުގެ ބަސްތައް ފެތުރުމުގެ ބަދަލުގައި މުޅި ކެމްޕޭން އަމާޒުކޮށްފައިވަނީ ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށާއި، އިދިކޮޅު ކެނޑިޑޭޓުންގެ ކެމްޕޭނަށް ސަރުކާރުން ހުރަސްއަޅާފައި ނުވުމަކީވެސް ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއްކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިޙު ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނާއި، ފުލުހުންނާއި ސިފައިން ކުރެއްވި އަގުހުރި މަސައްކަތް ފާހަގަކުރައްވާ، އެ މުޢައްސަސާތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.