ސިޔާސީ

މަޖިލީސް އިންތިޚާބުގެ ހުރިހާކަމެއްވެސް ދިޔައީ ވަރަށް އަމާންކޮށް - އެޗް.އާރ.ސީ.އެމް


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްގޮސްފައިވަނީ ވަރަށް އަމާންކޮށްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރ.ސީ.އެމްއިން ވިދާޅުވެއްޖެއެވެ.

އެޗް.އާރ.ސީ.އެމްއިން ވިދާޅުވީ، މަޖިލީސް އިންތިޚާބަކީ، ޤާނޫނުއަސާސީއާއި، އިންތިޚާބާގުޅޭ ޤާނޫނުތަކާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ ފަދައިން މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށްޓަކައި، ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔައިރު، މާލޭސިޓީއާއި އަތޮޅުތެރޭގައި ބެހައްޓާފައިވާ 20 ފޮށްޓެއްގެ ވޯޓުލުމުގެ ކަންތައްތައް ހިނގަމުންދިޔަގޮތް ބެލުމުގައި އެކޮމިޝަނުން ހަރަކާތްތެރިވެފައިވާކަމަށަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަގޮތް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މޮނީޓަރކޮށްފައިވާކަމަށާއި، ވޯޓުލުމުގެ ކަންކަން ކުރިއަށްގޮސްފައިވަނީ އަމާންކަމާއެކުގައިކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.

މިފަހަރުގެ އިންތިޚާބާގުޅޭ 5 މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅުނު، ނަމަވެސް ކަމާގުޅުންހުރި މުޢައްސަސާތަކާ ގުޅިގެން އެ މައްސަލަތައް ހައްލުކުރެވުނުކަންވެސް އެޗް.އާރ.ސީ.އެމްއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ގިނަ ފޮށިތަކުގައި ގަޑިއަށް ވޯޓުލާންފަށައި، ހަމަޖެހިފައިވާ ގަޑިއަށް ވޯޓުލާ ކިއު ބަންދުކޮށް، ވޯޓު ގުނަން ފެށިކަންވެސް އެކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ގިނަ ވަގުތު ކިއުގައި ތިބެން ނުޖެހޭގޮތަށް ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމާއި، އިންތިޚާބު ކުރިއަށްދިޔަ ވަގުތު ދިމާވި މައްސަލަތަކަށް އަވަސް ޙައްލެއް އިލެކްޝަންސް ކޮމިޝަނުން ހޯދާދީފައިވާކަންވެސް އެ ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންގޮސް، ވޯޓުލުމުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ހަރަކާތްތެރިވެފައިވާކަންވެސް އެ ކޮމިޝަނުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކޮމިޝަނުން ވަނީ މި އިންތިޚާބުގެ ނަތީޖާއަށް އިޙްތިރާމުކޮށް، ޤައުމުގެ ސުލްޙަ މަސަލަސްކަމަށް އިސްކަންދިނުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.