ޚަބަރު

އަރލީ ވޯޓިންގް އާއި ޕޯސްޓަލް ވޯޓިންގ ތަޢާރަފްކުރަނީ


ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އާލީ ވޯޓިންގް އާއި ޕޯސްޓަލް ވޯޓިންގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ޢާއްމުންނަށް ބޭނުންވާ ބައެއް މަޢުލޫމާތުތައް ހާމަކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގައި ބާއްވާ އިންތިޚާބުތަކަކީ އަމާންކަމާއެކު ކުރިއަށްގެންދާ އިންތިޚާބުތަކަކަށް ހެދުމަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު ބޭއްވުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކުގެ އިންތިޒާމުތަށް ފައްކާކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރުވެސް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް ދިރިއުޅޭއިރު، އެކަށީގެންވާވަރަށް ރީ-ރަޖިސްޓަރ ނުވުމުން މީގެތެރެއިން ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވަނީ ވޯޓުލުމުގެ ހައްޤުން މަޙުރޫމްވެފައިކަމަށެވެ. މި މައްސަލަ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ހައްލުކުރުމުގެ ގޮތުން، އެއިންތިޚާބުގައި ޕޯސްޓަލް ވޯޓިންގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

" މި އިންތިޒާމުގެ ދަށުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަކި ވޯޓުލުމުގެ އަދަދަދެއް ނެތި ދުނިޔޭގެ ކޮންމެ ތާކު ހުރެގެންވެސް ވޯޓުލެވޭނެ. މި ދިމާވަނީ މެލޭޝިއާ ފަދަ ޤައުމުތަކުގައި ދުވެގހިން ގިނަވީމަ މާ އުނދަގުލަކާ ދިމަލެއް ނުވޭ. އެކަމަކު އޮސްޓްރޭލިއާ އަދި ނިއުޒިލެންޑް ފަދަ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އެހެންތަނަކަށް ވޯޓުލާން މިދަނީ. މި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން ޕޯސްޓަލް ވޯޓިން ތަޢާރަފްކުރަނީ." އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ޕޯސްޓަލް ވޯޓިންގެ ޚިދުމަތާއިއެކު، ވޯޓުލުމުގެ ކަންތައްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ މޮނީޓަރުންނާއި އޮފިޝަލުންނަށް ރީ-ރަޖިސްޓަރ ކުރުމަކާ ނުލައި އާލީ ވޯޓިންގެ އިންތިޒާމުގެ ދަށުން ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. މިއާއިއެކު ވޯޓުލުމުގެ މަރުޙަލާ ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ވޯޓުލުމުގެ ކަންތައްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ މޮނީޓަރުންނާއި އޮފިޝަލުންނަށް ރީ-ރަޖިސްޓަރ ކުރުމަކާ ނުލައި އާލީ ވޯޓިން އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންމިދަނީ އިނގޭތޯ." އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ، ކުރީގެ އިންތިޚާބުތަކުން ފާހަގަވެފައިވާ މައްސަލަތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަނގަޅުކޮށްފައިވާކަމަށެވެ. އެގޮތުން ވޯޓިންގ ސްޓޭޝަންތަކުގައި މިފަހަރު ބޭނުންކުރާ ޓެބްލެޓްތައް، ނެޓްވޯކާކާ ނުލައި އޮފްލައިންކޮށް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ވޯޓުފޮއްޓަކަށްވެސް އެއް ހާހަށްވުރެ ގިނަ މީހުނަށް ވޯޓު ނުލެވޭނެގޮތް ހަދާފައިވަނީވެސް މި އިންތިޒާމުގެ ދަށުންކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.