ޚަބަރު

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ އިންތިޒާމުތައް ވަނީ ހަމަޖެހިފައި - އެޗްއާރުސީއެމް


ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އިފް ދަ މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.

ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާޙައުލެއް ޤާއިމްވެފައިވޭތޯ ބެލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ކޮމިޝަނުގެ ޓީމުތަކުން ޒިޔާރަތްކޮށް، ޙާލަތު ދެނެގަނެވިފައިވާކަމަށެވެ.

އެގޮތުން މިހާތަނަށް ކޮމިޝަނުން ކުރި މަސައްކަތްތަކުން ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ކަމާގުޅޭ އެންމެހައި އިދާރާތަކުން ގިނަގުނަ މަސައްކަތްތަކެއްކޮށް އެކަށީގެންވާވަރަށް އިންތިޒާމުތައް ހަމަޖެހިފައިވާކަންވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް މިނިވަންކަމާއެކު އެމީހަކު ބޭނުން ކެނޑިޑޭޓަކަށް ވޯޓުލުމުގެ ޙައްޤަށް ހުރަސްއެޅޭފަދަ ގޮތަކަށް ނާޖާއިޒު ނުފޫޒު ފޯރާފަދަ ކަންތައްތައް މަދުން ނަމަވެސް ހިނގާކަން އެކޮމިޝަނުން ފާހަގަކުރައްވެއެވެ. އެހެންކަމުން މިއިންތިޚާބަކީ އެންމެހައި ނުފޫޒުތަކުން މިނިވަންވެތިބެ އެމީހަކު އިޚުތިޔާރުކުރާ ކެނޑިޑޭޓަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރިހަމަ އިޚުތިޔާރުލިބިފައިވާ އިންތިޚާބަކަށް ހެދުމަށާ، ޤައުމީ މަސްލަހަތު އިސްކޮށް ބޭއްވޭ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މިއިންތިޚާބު ހެދުމަށް އިތުރަށް މަސައްކަތްކުރުމަށް ކަމާގުޅޭ އެންމެހައި މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންނަށް އެކޮމިޝަނުންވަނީ އިލްތިމާސްކުރައްވާފައެވެ.

އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާކޮށް، އެކަންކަމާގުޅިގެން އެކޮމިޝަނުން ކަންބޮޑުވާ ކަންތައްތައް ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކުރައްވާފައި ވާކަމަށް އެޗްއާރުސީއެމްއިން މައުލޫމާތުދެއްވައެވެ. މީގެއިތުރުން، ވޯޓުލުމުގެ ޙައްޤާއި އިންތިޚާބާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކޮމިޝަނުން ކުރައްވަމުންދާކަން އެޗް.އާރު.ސީ.އެމުން ހާމަކުރައްވައެވެ.