ޚަބަރު

މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ނިންމާލައިފި


މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލައިފިއެވެ.

19ވަނަ ރައްޔިތުންގެ މަޖިލިސްއަށް 87 މެންބަރުން އިންތިޚާބުކުރުމަށް މުޅި ރާއްޖޭގައި ބާއްވާ އިންތިޚާބު އޮންނާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. އެކި ސިޔާސީ ޕާޓީތަކާއި އަމިލަގޮތުން ޖުމްލަ 386 ކެނޑިޑޭޓުން މިއިންތިޚާބުގައި ވާދަކުރާއިރު ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ނަންތައް އިޢުލާންކުރުމާއެކު ރަސްމީކޮށް ކެމްޕެއިން ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މީގެ އެއްމަސްކުރިން މާޗް މަހުގެ 5ވަނަ ދުވަހުއެވެ. މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވަނީ ވަރަށް ފޯރިއާއެކު ކެމްޕެއިންގެ ޙަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.

ޢާންމުއިންތިޚާބާބެހޭ ޤާނޫނު ބުނާގޮތުން މިއަދު އިރުއޮއްސި 18:00އިން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6:00އާ ދެމެދު، އެއްވެސް މީހަކު، ކެނޑިޑޭޓަކަށް ތާޢީދު ހޯދުމުގެ އެއްވެސް ޙަރަކާތެއް ހިންގުމަކީ އަދި ކުރިއަށްގެންދިއުމަކީވެސް މަނާކަމެއްކަމަށެވެ.

އެގޮތުން ދުއްވާ އެއްޗެހީގައި އިންތިޚާބާބެހޭ ޕޯސްޓަރާއި ސްޓިކާފަދަ ތަކެތި އެއްވެސް ގޮތަކަށް ބެހެއްޓުމާއި، އަޑުގަދަ ކުރުމަށް ބޭނުންކުރާ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އިންތިޚާބާބެހޭ ވާހަކަ ދެއްކުމާއި، އެއްވެސް މީހަކު ވޯޓުދޭން ޤަޞްދު ކުރާ ކެންޑިޑޭޓެއްގެ ނަން، ނުވަތަ ވޯޓުދިން ކެންޑިޑޭޓެއްގެ ނަން ހާމަކުރުމާއި، ނުވަތަ އެމީހަކު ވަކި ކެންޑިޑޭޓަކަށް ވޯޓްނުދޭކަމަށް ނުވަތަ ވޯޓު ނުދޭނޭކަމަށް ބުނުމަކީ މަނާކަމެކެވެ.

މީގެއިތުރުން ވަކި ކެންޑިޑޭޓަކަށް ވޯޓުދިނުމަށް ނުވަތަ ނުދިނުމަށް ބާރުއަޅައި ވާހަކަ ދެއްކުމާއި، ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 އިން ފެށިގެން ވޯޓުނަގައި ނިމެންދެން ވޯޓުލާ ސަރަޙައްދުގެ ތެރޭގައި އިންތިޚާބާބެހޭ ގޮތުން އިންތިޚާބުގެ ކަންތައް ހިންގާ ފަރާތުން ގެންގުޅެންޖެހޭ ލިޔުންތައް ފިޔަވައި، އިންތިޚާބާބެހޭ އެއްވެސް ލިޔުމެއް، ކެންޑިޑޭޓެއްގެ ފޮޓޯއެއް، ޕޯސްޓަރެއް، ސްޓިކާއެއް، ނިޝާނެއްފަދަ އެއްވެސް އެއްޗެއް ގެންގުޅުމަކީ މަނާކަމެކެވެ. އަދި ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލައި ނިމުމަށްފަހު، އެސަރަޙައްދުގައި ހުރުމާއި، ކެންޑިޑޭޓަކު، ވޯޓުލުމަށް ވޯޓުލާ ސަރަޙައްދުގެ ތެރެއަށް ވަންނަ ވަނުމުގެ އިތުރަށް، އެ ސަރަޙައްދަށް ވަނުމާއި އެސަރަޙައްދުގެ ތެރޭގައި ހުރުން، އަދި ވޯޓުލާން އަންނަ އެއްވެސްމީހަކު އެމީހަކަށް ދޫކުރާ ވޯޓުކަރުދާސް ހިފައިގެން އެސަރަޙައްދުން ބޭރަށްދިޔުމަކީވެސް މަނާކަމެކެވެ.

މާދަމާ ބާއްވާ މަޖިލިސް އިންތިޚާބުގައި ޖުމްލަ 501 ވޯޓުފޮށި ބަހައްޓާއިރު، މީގެތެރެއިން މާލޭގައި 144 ވޯޓުފޮށި ބަހައްޓައެވެެ. ރަށްރަށުގައި 307 ބަހައްޓާނެއެވެ. އަދި ރިސޯޓްތަކުގައި 33 ފޮށި، ޖަލުތަކުގައި 5 ފޮށި، ބޭރުގެ ޤައުމުތަކުގައި 8 ފޮށި، ސިނާޢީ ތަންތަނުގައި 4 ވޯޓުފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.

މަޖިލީހުގެ އިންތިޚާބުގައި ބޭނުންކުރުމަށް 267159 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވާއިރު، މިއިންތިޚަބުގައި ވޯޓުލުމުގެ ހައްޤު 264589 މީހަކަށް ލިބިގެންވެއެވެ.