ޓުއަރިޒަމް

ޖަޕާނުގެ އެންމެބޮޑު ޑައިވިން ފެއަރގައި ރާއްޖެ އިސްތިހާރުކުރަނީ

ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ އެންމެ ބޮޑު ޑައިވިން ފެއަރ "މެރިން ޑައިވިން" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިފެއަރގައި ރާއްޖެ ތަމްސީލްކުރަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އާއި ޖަޕާނުގައި ހުންނަ ދިވެހި އެންބަސީއިންނެވެ. ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ ދިވެހި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައިވާ ސަފީރު އިބްރާހީމް އުވައިސްއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާގުޅޭ އެކި މަޢުލޫމާތުތަށް ފޯރޮކޮށްދިނުމަށްޓަކައި ޕްރެޒެންޓޭޝަނެއް ރާއްޖޭގެ ސްޓޭންޑްގައި މިފެއަރ ބާއްވާ 3 ދުވަހު ކުރިއަށްގެންދާނެއެވެ. މި ޕްރެޒެންޓޭޝަންގެ މައިގަނޑު މަޤްސަދަކީ ގިނަބަޔަކަށް ރާއްޖެޔާ ބެހޭ ގޮތުން މަޢުލޫމާތް ފޯރުކޮށްދިނުމެވެ. މި ޙަރަކާތްތަކުގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ރާއްޖޭގެ ސްޓޭންޑްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މެރިން ޑައިވިންގ ފެއަރގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ޑައިވިންއަށް ލޯބިކުރާ ފަތުރުވެރިންނާއި މިދާއިރާގެ އެހެނިހެން ފަރާތްތަކާ ބައްދަލުކޮށް ރާއްޖޭގެ ކަނޑުތަކުގެ ތަފާތުކަމާ ރާއްޖެއާބެހޭ މަޢުލޫމާތު ޙިއްސާކޮށް ރާއްޖޭގެ ޑައިވް ސެގްމަންޓަށް އިތުރު ކުރިއެރުން ގެނައުމެވެ.

ޖަޕާނަކީ 9 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާރކެޓެވެ. 2018ވަނަ އަހަރު ޖަޕާނުން ރާއްޖެއަށް 42004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2017ވަނަ އަހަރާ އަޅާބަލާއިރު %2.8 ގެ ކުރިއެރުމެކެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޖަޕާނުން ވަނީ 3987 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.