ތަރައްްޤީ

މާލޭގެ 900އެއްހާ ޢާއިލާއެއް ތިބީ ބޯހިޔާވަހި ކަމަށް ޚަރަދުނުކުރެވޭ ޙާލަތުގައި - އަސްލަމް


މާލޭގައި 900އެއްހާ ޢާއިލާއެއް ބޯހިޔާވަހި ކަމަށް ޚަރަދުނުކުރެވޭ ޙާލަތުގައި އެބަތިބި ކަމަށް މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަށް ނިންމާލުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން، ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލޭގެ އާބާދީގެ ފަންސާހަކަށް އިންސައްތައަކީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އާބާދީއެއް ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ބޯހިޔާވަހިކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ މިސަރުކާރުން ހުރިހާ ފަންތިއެއްގެ އާއިލާތަކަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އެންމެ ނިކަމެތި ޙާލުގައި ދިރުއުޅޭ އާއިލާތަކާއި މެދު ފަންތި އަދި ތަނަވަސްކަންމަތީ ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ތަރައްޤީކުރާ ފަސް ހާސް ހައުސިންގް ޔުނިޓަކީވެސް މި މަޤްޞަދުގެ ދަށުން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކެއް ކަމަށް މިިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"މާލޭގެ ގާތްގަނޑަކަށް 50 އިންސައްތަ ބޯހިޔާވަހިކަން ބޭނުންވޭ. އެއީ ގާގްގަނޑަކަށް 17 ހާސް އާއިލާ. އޭގެ ތެރެއިން 900 އާއިލއަކީ އެއްވެސް ވަރަކަށް ނުވަތަ މަދު ލާރިއެއް ނޫނީ ބޯހިޔާވަހިކަމަށް ދެއްކޭނެ އާއިލާ. 5 ހާސް އާއިލާއެއް 6 ހާހައި 10 ހާސް ރުފިޔާ ކުލި ދެއްކޭއިރު 4 ހާސް އާއިލާއަކަށް ކޮންމެ އަދަދެއްވެސް ކުއްޔަށް ދެއްކޭނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މި ސަރުކާރަކީ ޖަޒީރާ ކޮންސެޕްޓަކަށް ތަރައްޤީ ގެންނާނެ ސަރުކާރެއްކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޯހިޔާވަހިކަން ޔަޤީންކޮށްދޭނެ ކަމަށެވެ. އެގޮތުން ބިން ނެތް ރަށްރަށުން ބިން ހިއްކައިގެންނާއި، ބިންހިއްކެން ނެތް ރަށްރަށުން ފްލެޓާއި ރޯ ހައުސްތަށް ރައްޔިތުނަށް ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ.