ޚަބަރު

އެމްބީސީ ނިއުސްގެ އެންޑްރޮއިޑް އެޕް ތައާރަފް ކޮށްފި


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޚަބަރާއި، ޚަބަރާއި ގުޅޭ ފޮޓޯތައް އަދި، އެހެނިހެން ކޮންޓެންޓް ފަސޭހަކަމާއެކު ވަގުތުން ވަގުތަށް ބަލާލެވޭގޮތަށް ތައްޔާރު ކޮށްފައިވާ އެންޑްރޮއިޑް އެޕް އެއް ލޯޗްކް ކޮށްފިއެވެ.މިއެޕް މިހާރު ގޫގުލް އެޕް ސްޓޯއިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި، އެންޑްރޮއިޑް ކޮންމެ ފޯނަކުންވެސް މި އެޕް ބޭނުންކޮށްގެން އެމްބީސީ ނިއުސް ވެބްސައިޓަށް އަޕްޑޭޓް ކުރާ ޚަބަރާއި އެހެނިހެން ކޮންޓެންޓް ފަސޭހަ ކަމާއެކު ބަލާލެވޭނެއެވެ. މީގެ އިތުރުން، އެމްބީސީ ނިއުސް އިން ގެނެސްދޭ ބްރޭކިންގ ނިއުސްއާއި، އަޕްޑޭޓްކުރާ ކޮންޓެންޓް ގެ އަޕްޑޭޓްތަކުގެ ނޯޓިފިކޭޝަންތައްވެސް މި އެޕް ބޭނުންކުރާ ފޯނުތަކަށް ލިބެމުންދާނެއެވެ. މި އެޕް މެދުވެރިކޮށް އިންޓަރނެޓް ލިބޭ ކޮންމެ ތަނަކުންވެސް، އެމްބީސީ ޓީވީއެމް ގެ ސްޓްރީމް ބަލާލެވޭނެއެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ އަޑާއި، ދިވެހި އެފްއެމް މި އެޕް މެދުވެރިކޮށް އަޑު އަހާ ލެވޭނެއެވެ. މި އެޕް އައިފޯންތަކުގައިވެސް ބޭނުން ކުރެވޭގޮތަށް ފަރުމާ ކުރުމުގެ މަސައްކަތް އެމްބީސީ އައިޓީ ޓީމުން ދަނީ ކުރަމުންނެވެ. މާލަސްތަކެއް ނުވެ އެޕަލް ސްޓޯއަށް މިއެޕް ލެވޭނެ ކަމަށް އެމްބީސީ އައިޓީ މެނޭޖަރ މުހައްމަދު ޝާހް ވިދާޅުވިއެވެ. އަދި މިއެޕް ފަރުމާ ކޮށްފައިވަނީ މިޒަމާނުގައި މިފަދަ އެޕްތައް ފަރުމާ ކުރެވިފައި ހުންނަ އުސޫލުތަކަށް ބިނާކޮށް ޒަމާނަށް ފެތޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ، މި އެޕްގެ އިތުރު އަޕްގްރޭޑްތައް ކުރިއަށް އޮތްތާންގައި އަންނަމުންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. ރާއްޖެއާއި ދުނިޔޭގެ މަޝްރަހުން ފާހަގަ ކޮށްލެވޭ ޚަބަރުތައް ތާޒާކަމާއެކު މިހާރުވެސް އެމްބީސީގެ ޓުއިޓަރ އެކައުންޓް @MBCKhabaru އަދި އެމްބީސީގެ ވެބްސައިޓް www.mbc.mv އިން ފެނިވަޑައިގަންނަވާނެއެވެ.