ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރިޝްވަތު ދޭ ކަމުގެ ޝަކުވާ ހުށަހަޅާފައިވާތީ އެކަން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ކަންކަމާމެދު ފާރަވެރިވެ އެފަދަ ހުރިހާ ކަމަކާއި ރިޝްވަތު ދޭ މައްސަލަ ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް ފުލުހުންގެ އެހީތެރި ކަމަށް އެ ކޮމިޝަނުން އެދިފައިވާ ކަމަށެވެ.
އޭސީސީގެ ބަޔާނުގައި ވަނީ އިންތިޚާބާއި ދިމާކޮށް ހިންގާ ނޭދެވޭ ކަންކަމަށް ފާރަވެރިވުމުގެ ގޮތުންނާއި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މަޖިލިސް އިންތިޚާބަށް އަމާޒުކޮށް ރިޝްވަތު ދިނުމުގެ އެއްވެސް ކަމެއް ކުރާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ނުވަތަ އެފަދަ ކަމެއް ކުރާކަން އެނގިއްޖެނަމަ އެ މައުލޫމާތެއް އޭސީސީއާ ޙިއްޞާ ކުރުމަށް އެ ކޮމިޝަނުން ވަނީ އެދިލައްވާފައެވެ.
އިންތިޚާބާ ބެހޭ އާންމު ޤާނޫނުގައި ވަނީ އިންތިޚާބީ ހައްގެއްގެ ފައިދާ ހޯދުމަށް ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުން ކުރީތީ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ ކަމަށެވެ.