ސިޔާސީ

ނާޒިމްއަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފި


ޓެރެރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކަރެއްކްޝަނަލް ސަރވިސްއިން ދީފިއެވެ.އެމް.ބީ.ސީ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ނާޒިމްގެ ސިއްޙީ ހާލަތާމެދު ޑޮކްޓަރުންގެ ލަފަޔަށް ރިއާޔަތް ކުރުމަށްފަހު ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑުން އެގޮތަށް ނިންމާފައިވާކަމަށެވެ.އޭނާ ވިދާޅުވީ މެޑިކަލް ބޯޑުގެ ނިންމެވުމާ ގުޅޭ މައުލޫމާތު ނާޒިމްގެ އާއިލާއަށް އެންގުމަށް މަސައްކަތް ކޮށްފައިވާކަމަށާއި، އެހެންނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެމައުލޫމާތު ނާޒިމްގެ އާއިލާއަށް ދެވިފައި ނުވާކަމަށެވެ.ޖަލުތަކުގައި ތިގޭ ގައިދީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ވަކި ޤައުމުތަކެއް ކަރެކްޝަނަލް ސަރވިސަސްއިން ވަނީ ކަނޑއަޅާފައެވެ.ބޭސްފަރުވާއަށް ޤައިދީން ފޮނުވަނީވެސް ވަކިމުއްދަތަކަށެވެ. ނާޒިމް ބޭސްފަރުވާއަށް ފޮނުވާ ވަކިގައުމެއް ހޯމްމިނިސްޓްރީއަކުން ހާމައެއްނުކުރެއެވެ.