ޚަބަރު

ނެޝަނަލް ކަބޮރީ 2019ގައި ބައިވެރިވާ ކުދިންނާ އެޑިއުކޭޝަން މިނިސްޓްރީން ބައްދަލުކޮށްފި


މިސަރަޙައްދުގެ ޤައުމުތަކުގެ ސްކައުޓުން ބައިވެރިވާ 12 ވަނަ ނެޝަނަލް ކަބޮރީ 2019ގައި ބައިވެރިވާ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓްރީން ބައްދަލުކުރައްވައިފިއެވެ.

ނެޝަނަލް ކަބޮރީ 2019 އަކީ މިމަހުގެ 5 ވަނަ ދުވަހުން 9 ވަނަ ދުވަހަށް ސްރީލަންކާގައި ކުރިއަށްގެންދަން ހަމަޖެހިފަައިވާ ހަރަކާތެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުން 22 ސުކޫލަކުން މި ހަރަކާތުގައި ޖުމްލަ 227 ސްކައުޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 184 ކަބް ސްކައުޓުންނާއި 37 ލީޑަރުންނާއި މެނޭޖްމަންޓް ޓީމުގެ 5 ބޭފުޅަކު ހިމެނެއެވެ.

ނެޝަނަލް ކަބޮރީ 2019 ގައި ބައިވެރިވާ ކުދިން ފުރުމުގެ ކުރިން އެކުދިންނާ ބައްދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި މިބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ނަސީރާއި މިނިސްޓްރީގެ އިސް ފަރާތްތަކުން ބައިވެރިވިއެވެ.

ސްރީލަންކާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ކަބޯރީގައި ލަންކާ، ރާއްޖެ، ބަނގްލަދޭޝް އަދި އިންޑިއާއިން ޖުމްލަ ދިހަ ހާސް ދަރިވަރުން ބައިވެރިވާނެއެވެ.