ސިޔާސީ

އިންތިޚާބީ ޝަކުވާގެ 7 މައްސަލައަށް ހުކުމް އިއްވުން މާދަމާ


އަންނަ ހޮނިހިރުދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް ވޯޓްލެވޭ ހަތް ފަރާތެއްގެ ނަން ފައިނަލް ވޯޓާސް ލިސްޓުގައި ނެތުމުން ޢާންމު ފަރާތްތަކުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ހުކުމް އިއްވުން މާދަމާއަށް ތާވަލްކޮށްފިއެވެ.

އިންތިޚާބުގެ ފައިނަލް ވޯޓާސް ލިސްޓްގައި ނަން ނެތުމުން ހުށަހެޅި މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ވަކިވަކިންނެވެ. އަދި މި މައްސަލަތަކަށް ހުކުމް އިއްވަން ނިންމާފައިވަނީ ވެސް ވަކިވަކިންނެވެ. އެގޮތުން ފުރަތަމަ ހުކުމް އިއްވުން ތާވަލް ކޮށްފައިވަނީ މާދަމާ 01:15 އަށެވެ.

ޢާންމު އިންތިޚާބާއި ގުޅޭގޮތުން އަމިއްލަ ފަރާތްތަކުން އިންތިޚާބީ ޝަކުވާގެ 7 މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މި ހުރިހައި މައްސަލައަކީވެސް ފައިނަލް ވޯޓާސް ލިސްޓްގައި ނަން ނެތުމުން ތިމަރަފުށީ ދާއިރާއަށް ވޯޓުލެވޭ މީހުން ހުށަހަޅާފައިވާ މައްސަލަތަކެކެވެ.
ވަކިވަކިން މި މައްސަލަތައް ހުށަހަޅާފައިވަނީ އެ މީހުންގެ ރަށްވެހިކަން ތިމަރަފުއްޓަށް ބަދަލުކުރަން ހުށަހަޅާފައި ވަނިކޮށް ތިމަރަފުށީ ދާއިރާގެ ފައިނަލް ވޯޓާސް ލިސްޓްގައި އެ މީހުންގެ ނަން ހިމަނާފައި ނެތުމުންނެވެ.

އިންތިޚާބީ ޝަކުވާގެ ގޮތުގައި ހައިކޯޓުގައި ކުރިއަށްދިޔަ ހަތް މައްސަލައަކީ މިމަހުގެ 19ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ކުރި އިޢުލާނަކާ ގުޅިގެން އެ ހަތް ފަރާތުން ހުށަހެޅި ޝަކުވާތައް ބަލައިނުގަތް މައްސަލައެކެވެ.