ސިޔާސީ

ޔާމީން އެނބުރި އަންނަން މަގުފަހިކޮށްދޭ ބަޔަކަށް ފަހުގެޖީލުން މަޢާފެއް ނުކުރާނެ - ޝާހިދު


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެނބުރި އައިސްފިނަމަ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވެފައިވާ އެތައް ޤުރުބާނީއެއް ފުނޑުފުނޑުވެގެން ދާނެކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެނބުރި އައިސްފިނަމަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވީ ޤުރުބާނީތައް ފުނޑުފުނޑު ވާނެކަމަށާއި ޔާމީން އެނބުރި އަންނަން މަގުފަހިކޮށްދޭ ބަޔަކަށް އަންނަންއޮތް ޖީލުތަކުން ދުވަހަކުވެސް މާފު ނުކުރާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަޖިލިސް އިންތިޚާބުގައި މަސައްކަތް ކުރާ ދަނޑިވަޅެއްގައެވެ.
ޔާމީންގެ މައްޗަށްކުރާ މަނީ ލޯންޑަރިންގެ ތުހުމަތާއެކު އެމައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރުމާގުޅިގެން ޖަލު ބަންދުކުރުމަށްފަހު މާރޗް މަހުގެ 13ވަނަ ދުވަހު ވަނީ ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައެެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ޓްވީޓު

އަދި އެ އަމުރު އިސްތިއުނާފްކޮށް ޔާމީން ބަންދުގައި ބެހެއްޓެން ނެތްކަމަށް މާރޗް މަހުގެ 28ވަނަ ދުވަހު ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެެ. ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އަމިއްލަފުޅު އެކައުންޓްގައި ލޯންޑަރ ކުރެއްވިކަމުގެ ތުހުމަތުގައެވެ.