ޚަބަރު

ފުޓްބޯޅަ ސީޒަން ހުޅުވާ މެޗަށް އިންޑިޔާގެ ޤައުމީ ޓީމަށް ދަޢުވަތު ދެއްވައިފި


ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗަށް ރާއްޖެ އައުމަށް އިންޑީޔާގެ ޤައުމީ ޓީމާއެކު، ބޮލީވުޑްގެ ފިލްމީތަރިންނާއި މިޔުޒިކީ ފަންނާނުންނަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ދައުވަތު ދެއްވައިފިއެވެ.

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައިހުނަންވާ ސަފީރު ސަންޖޭ ސުދީރާ ބައްދަލުކުރައްވައި މިނިސްޓަރ އަލީ ވަހީދުވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރިގަދަކުރުމަށް ކުރެވިދާނެ އެކި އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒްވެސް ބައިވެރިވެވަޑައިގަތް މި ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދުވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މެޗު ފަށާމެޗު ފޯރިގަދަ ކުރުމަށް އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމަށް ދައުވަތުދެއްވާފައެވެ. އަދި މި މެޗުގެ ފޯރި އިތުރުކުރުމުގެ ގޮތުން މިނިސްޓަރ ވަނީ އިންޑިޔާގެ ޤައުމީ ޓީމާއިއެކު އެގައުމުގެ ފިލްމީ ތަރިންނާއި މިޔުޒިކީ ފަންނާނުންތަކެއްވެސް އެ މެޗަށް ރާއްޖެ އައުމަށް ދައުވަތުދެއްވާފައެވެ.

އިންޑިޔާ އެމްބެސެޑަރާއިއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ ފުޓްބޯޅައިގެ ވާދަވެރިންނަވާއިރު، ގައުމީ ޓީމުގެ ފެންވަރު ވަޒަންކޮށްލަން މިއީ މުހިންމު ފުރުސަތަކަށް ވާނެކަމަށެވެ. އަދި ދެ ޤައުމު އެކިވެރިކަމުގެ ފުޓްބޯޅަ މެޗެއް ނުކުޅޭތާ ގިނަ ދުވަސްތަކެއްވެފައިވައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އިންޑިއާ އާއި ދިވެހިރާއްޖެ އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ 2011 ވަނަ އަހަރެވެ.