ޚަބަރު

ޢަބްދުލްޢަޒީޒް ބޫތަފްލިކާ މަޤާމުން އިސްތިއުފާދެއްވައިފި


އަލްޖީރިޔާގެ ރައީސް ޢަބްދުލްޢަޒީޒް ބޫތަފްލިކާ، މަޤާމުން އިސްތިއުފާދެއްވައިފިއެވެ. ދައުލަތުގެ މީޑިއާއިން މަޢުލޫމާތުދޭ ގޮތުގައި 82 އަހަރުގެ ބޫތަފްލިކާ މަޤާމުން އިސްތިއުފާދެއްވާފައިމިވަނީ، އެ މަނިކުފާނުގެ ވިހި އަހަރު ދުވަހުގެ ރިޔާސަތާ ދެކޮޅަށް އެ ޤައުމުގެ ޢާއްމުން ކުރަމުންދާ މުޒާހަރާގައި ކުރަމުންދާ ޑިމާންޑްތަކުގެ އަޑު އައްސަވާ، ޤަބޫލުފުޅުކުރައްވައިގެންނެވެ.

އެ ޤައުމުގެ ދުސްތޫރީ ކައުންސިލަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ބޫތަފްލިކާ ވިދާޅުވެފައިވަނީ، އެ މަނިކުފާނު އިސްތިޢުފާދެއްވަނީ ޤައުމުގެ މަސަލަސްކަން އިސްކޮށް، ޤައުމީ ރޫޙާއި ޤައުމީ ޟަމީރަށް ހަމަޖެހުން ގެނައުމުގެ ނިޔަތުގައި ކަމަށެވެ. އެ މަނިކުފާނުގެ އިސްތިއުފާއާއެކު އެ ޤައުމުގެ ވެރިރަށުގައި ވަނީ އުފާފާޅުކުރަން ފައްޓާފައެވެ.

އުމުރުން 82 އަހަރުގެ ބޫތަފްލިކާ އަލްޖީރިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންފައިވަނީ 1999 ވަނަ އަހަރުގައެވެ. އޭޕްރިލް މަހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ބޫތަފްލިކާ ފުރަތަމަ ކުރެއްވީ، އަލްޖީރިއާގައި މިހާރު ވެރިކަން ކުރަމުންދާ އެފް.އެލް.އެން ޕާޓީ، އިންތިޚާބުގައި ތަމްސީލުކުރައްވާނީ އޭނާކަމަށް ނިންމުމާއެކުގައެވެ.

އަލްޖީރިއާގެ އެތައް ސިޔާސީ ޕާޓީއަކާ ވިޔަފާރިތަކާ ޓްރޭޑް ޔޫނިއަންތަކުން އިންތީޚާބުގައި އޭނާއަށް ތާޢިދުކުރާނެ އޭރު ބުންޏެވެ. ބޫތްފިލްކާއާ ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތަކާ އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔައީ ރިޔާސަތުގެ މަސްއޫލިއްޔަތު އުފުއްލެވުމުގެ ސިއްހީ ޤާބިލްކަމެއް އޭނާގެ ކިބައިގައި މިހާރު ނެތްކަމަށެވެ.

އަދި ސަރުކާރުގެ އެކި ދާއިރާތަކަށް ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި ފެތުރިފައިވާއިރު އިޤްތިސާދު ނަގާ ކޮޅަށްޖެހުމަށް ވެސް އޭނާ ނާކާމިޔާބުވެވަޑައިގެންފައިވާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މި ހަމުނުޖެހުންތަކާ ގުޅިގެން ބޫތަފްލިކާގެ އަރިސް ބައެއް ބޭފުޅެއްކަމުގައިވާ ބޮޑުވަޒީރު އަޙްމަދު އޫޔަހިއްޔާވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ހުސްވި ހަފުތާގައި އަލްޖީރިއާގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު، ލެފްޓިނެންޓް ޖެނެރަލް އަހްމަދު ގައީދް ސަލާޙް ވެސް ވަނީ، ޤާނޫނު އަސާސީގެ މި މައްދާގެ ދަށުން، މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސް ބޫތަފްލިކާ އަށް ގޮވާލައްވާފައެވެ.