ސިޔާސީ

ޤާނޫ އަސާސީއަށް ހުށަހެޅި އިސްލާހު ކޮމިޓީން ފާސްކޮށްފި


ކައުންސިލްތަކުގެ އުމުރު، ގާނޫނު އަސާސީން އުނިކުރުމަށް ފަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ގާނޫނަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލް ގައުމީ ސަލާމަތު ކޮމިޓީން ފާސްކޮށްފިއެވެ.ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އެއިސްލާހު އެކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް އިންތިހާބު ކުރަނީ ކައުންސިލް މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު، އާމިރު ހުށަހަޅުއްވި އިސްލާހުގައި ބުނެފައިވަނީ ރައީސްއާއި ނައިބް ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.އެއިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށބުނެފައިވަނީ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ ދަށުން އުފެދި ހިންގަމުންދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ރައްޔިތުންނަށް ފައިދާކުރަނިވި ކަމެއް ކަމަށާއި، އެނިޒާމަކީ ނަތީޖާ ހާސިލުކުރަނިވި މިންގަނޑުތަކުގެ ތެރޭގައި ގާއިމްވެފައިވާ ނިޒާމަކަށް ވާންޖެހޭ ތީކަމަށެވެ.މީ ކައުންސިލްތަކުގެ އުމުރު ދިގުކުރުމަށްހުށައެޅުއްވި އިސްލާހެއްކަމަށް އާމިރު ވިދާޅުވިއެވެ.މިހާރު ކައުންސިލްތަކުގެ އުމުރަކީ ތިންއަހަރުގެ މުއްދަތެކެވެ.ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފާސްކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިން ބައިގެ އަޣްލަބިއްޔަތުންނެވެ. އެއީ 64 މެންބަރުންގެ ވޯޓުންނެވެ. މިބިލާއި މެދު ދެން ގޮތެއް ނިންމަވާނީ މަޖިލީހުގެ ތަޅުމުންނެވެ.