ތަރައްްޤީ

އައްޑޫގައި އިމާރާތްކުރި ފްލެޓުތަކުގެ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާކޮށްފި


އައްޑޫސިޓީ ހިތަދޫ އަދި ހުޅުމީދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގައި ފެނާއި ކަރަންޓުގެ މައްސަލަ ޙައްލު ކުރުމާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނާއި އެކު މަޝްވަރާކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލާއި މި ފްލެޓްތައް މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު ހަވާލުކޮށްފައިވާއިރު، މި ފްލެޓްތަކައް ކަރަންޓާއި ފެނުގެ އަސާސީ އެއްވެސް ޚިދްމަތެއް ދެވިފައިނުވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތް ދެއްވަމުން އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މި މަޝްވަރާގައި ފްލެޓްތަކަށް ކަރަންޓްގެ ޚިދްމަތް ފޯރުކޮށް ދިނުމަށް މަދުވެގެން ދެ މެގަ ވޮޓްގެ ޖެނެރޭޓަރ އެއް ބޭނުންވާނެ ކަމަށް ފެނަކައިން ބުނި ކަމަށެވެ. ނަމަވެސް މި ޖަނެރޭޓަރ އަދި އިންސްޓޯލް ކުރެވޭނެގޮތާއި އަދި އިންސްޓޯލް ކުރެވޭނެ ދުވަހަކާއި ބެހޭގޮތުން ވަކި އެއްޗެއް ފެނަކައިން ވިދާޅުވެފައިނުވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ފެނަކަ ކޯޕަރޭޝަނާއި އެކު ބޭއްވި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލައިގެ އެންމެ ފަހުގެ ތަފްޞީލީ މަޢުލޫމާތު އޮޅުން ފިލުވާފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ފެނަކައިން ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫއަށް ގެނައި ދެ ޖެނެރޭޓަރުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެވޭނެ ކަމަށެވެ. އަދި ކަރަންޓުގެ ލޯޑް އެންމެ ބޮޑުވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ރޯދަ މަހުގައި ކަމަށްވެސް ފެނަކައިން ބުނެއެވެ.

އައްޑޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޅި މި ފްލެޓުތަކުގެ ތެރެއިން ހުޅުމީދޫގައި 48 ފްލެޓު އިމާރާތް ކުރިއިރު ހިތަދޫގައި އިމާރާތް ކޮށްފައިވަނީ 264 ފްލެޓެވެ. ފްލެޓްތައް ދޫނުކުރެވި ލަސްވާތީ ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.