ސިޔާސީ

ޕަބްލިކް ސާވިސް މީޑިއާގެ ބިލް މަޖިލީހަށް ބަލައިގެންފި


ރާއްޖޭގައި މިހާރު ހިގަމުންދާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އުވާލުމަށްފަހު ޕަބްލިކް ސަރވިސް މީޑިއާގެ ނަމުގައި އާކުންފުންޏެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލް މަޖިލީހަށް ބަލައިގެންފިއެވެ.އެމްޑީއޭގެ ހޯރަފުށީ ދާއިރާގެ މެމްބަރު މެމްބަރު މުހައްމަދު އިސްމާއިލް ހުށައަޅުއްވާފައިވާ އެބިލް މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި43 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށައަޅުއްވާފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ބިލްގައި ބުނެފައިވަނީ، މިބިލް ޤާނޫނަކަށް ވުމުން މިހާރު އޮތް އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑު ޤާނޫނީގޮތުން ނިމުމަކަށް އަންނާނެކަމަށެވެ. އަދި މިގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ގަވަނިން ބޯޑު އެކުލަވާލަން ޖެހޭނެކަމަށާއި، އެބޯޑުގައި އިސްކޮށް ތިއްބަވަނީ ޗެއާޕާސަން އާއި ވައިސް ޗެއާޕާސަންކަމަށެވެ.ގަވަނިން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމާއި އިސް މެނޭޖްމަންޓު އެކުލަވާލާ މުވައްޒަފުންނާއި މުސާރައިގެ އޮނިގަނޑު ފާސްކުރުމާއި އެއަށް ބަދަލު ގެނައުން ހިމެނެއެވެ. އަދި ޕަބްލިކް ސާވިސް މީޑިއާގެ މަގުސަދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ހިންގުމުގެ މަގު ފަހިކޮށްދީ، ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ޕަބްލިކް ސާވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި އެފަދަ މީހުން ވަކިކުރުމަކީ ވެސް ގަވަނިން ބޯޑުގެ ޒިންމާގެ ތެރޭގައި ހިމެނޭކަމެއްކަމަށް ބުނެފައިވެއެވެ.މީގެ އިތުރުން ޕަބްލިސް ސަރވިސް މީޑިއާގެ ސިޔާސަތުގެ ތެރޭގައި، ނޫސްވެރިންގެ އާންމު މިންގަނޑުތަކާއި، އުސޫލްތަކުގެ އިމުގެ ތެރޭގައި އެންމެހާ ކަންކަން ކުރުމާއި، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަން ވާނެކަމަށް ބުނެފައިވެއެވެ. އަދި ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ގޮތަކުން ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން ޕަބްލިކް ސާރވިސް މީޑިއާގެ މައްޗަށް ސީދާގޮތުންނާއި، ނުސީދާ ގޮތުންވެސް ބާރު ފޯރުވައިގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ.މި ބިލަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ، ރާއްޖޭގެ މީޑިއާތަކަށް އެފަރާތުން ބޭނުންވާ ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން ދޭންޖެހޭކަމަށާއި، މީޑިއާއަށް އޭގެ ފުރިހަމަ ބާރު ދޭންޖެހޭކަމަށެވެ.މިހާރުގެ އެމްބީސީ އުވާލުމަށްފަހު ޕަބްލިކް ސަރވިސް މީޑިއާއެއް އުފައްދަން ޖެހެނީ، މީޑިއާ ފަންނީ މީހުންނާއި ހަވާލްކުރުމަށްކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.މި ބިލް ހުށައެޅުމުގެ މަޤްޞަދުގައި ބުނެފައިވަނީ، ބޭނުންވަނީ ނިއު މީޑިއާ އާއި ބްރޯޑްކާސްޓް ކުރުމުގެ އެންމެހައި ވަސީލަތްތަކާއި ޕްރިންޓް މީޑިއާ އާއި އަދި އެ ނޫނަސް ޚަބަރާއި މަޢުލޫމާތާއި ހޭލުންތެރިކަމާއި މުނިފޫހިފިލުވުން ފޯރުކޮށްދޭ، އެންމެހައި ޓެކްނޮނޮލޮޖީތަކުގެ ބޭނުން ހިފައިގެން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރުދަނާ ގައުމީ މީޑިއާއެއް ބިނާކޮށް ދެމެހެއްޓުންކަމަށެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށިފަހުން އިދިކޮޅު މެމްބަރުންގެ އިހްތިޖާޖާއި އަޑުގަދަ ކުރުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ކުރިއަށް ނުގެންދެވި، ބައެއް ޖަލްސާތައް މެދުކަނޑާލާފައިވާއިރު، މިއަދުގެ ޖަލްސާ ވަނީ ކުރިއަށްގެންގޮސްފައެވެ.މިއަދުގެ ޖަލްސާއަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަޑައިގެންފައި ނުވާއިރު، އެފަރާތްތަށް ޗެމްބަރަށް ވަޑައިގެންފައި ނުވަނީ ގަވާއިދާ ޚިލާފަށް މަޖިލިސް ގެންދަވާ ކަމަށް ވިދާޅުވެ އެކަމަށް ހައްލެއް ހޯޯދަން އެ ޕާޓީން މަޖިލީހަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބޭތީކަމަށް އެމެމްބަރުން ވިދާޅުވެއެވެ.މަޖިލީހުގައި ބައެއް މެމްބަރުން އަމަލުކުރައްވާފައިވާ ގޮތުންނާއި ދައްކަވާވާހަކަފުޅުތައް އާއްމު އިޖްތިމާއީ މިންގަޑާއިފުށުއަރާތީ މީޑިއާތަކަށް ދެމުންދިޔަ ލައިވް ފީޑް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު މިއަދުގެ ޖަލްސާއިންވަނީ އަލުން ލައިވްފީޑް ދޫކުރަން ފަށާފައެވެ.