ހއ. ހޯރަފުށީގައި އެއަރޕޯޓް އެޅުމުގެ މަޝްރޫޢު ފެށިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނާއި، ބޮޑު ތިލަދުންމަތީގެ ރައްޔިތުން ތަރައްޤީއަށް ކުރާ އުންމީދު އާވެގެންދިޔަކެއްކަމަށް ހއ. ހޯރަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ތިންހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ހއ.ހޯރަފުއްޓަކީ އެއަތޮޅުގައި މިހާރު އެންމެ ހަލުވި ދުއްވެއްޔެއްގައި ތަރައްޤީވަމުން އަންނަ އެއް ރަށެވެ. ހޯރަފުށީގައި މިހާރު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، އުންމީދީ މަޝްރޫޢުތަކެއް އެރަށުގައި ކުރިއަށްގެންދާނެކަން ސަރުކާރުން ވަނީ އިޢުލާންކުރައްވާފައެވެ. އެގޮތުން އެންމެ ފާހަގަކޮއްލެވޭ އެންމެ ބޮޑު މަޝްރޫޢުއަކީ ހއ ހޯރަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު މިވަނީ ފައްޓަވާދެއްވާފައެވެ.
މި މަޝްރޫޢާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ހއ.ހޯރަފުށީ ކައުންސިލްގެ މެމްބަރުން ވަނީ، މިފަދަ ޕްރޮޖެކްޓެއް އެރަށުގައި ފެށިގެން ދިއުމުގެ އުފާ ހިއްސާކުރައްވާފައެވެ. އެގޮތުން ހއ. ހޯރަފުށީގައި އެއަރޕޯޓް އެޅުމުގެ މަޝްރޫޢު ފެށިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނާއި، ބޮޑު ތިލަދުންމަތީގެ ރައްޔިތުން ތަރައްޤީއަށް ކުރާ އުންމީދު އާވެގެންދިޔަކެއްކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢާއެކު ބޮޑު ތިލަދުންމަތީގެ ފަތުރުވެރިކަމަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ހއ ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއިން މިހާރު ވަނީ ފަށާފައެވެ. 16 މަސްދުވަހުގެ ތެރޭގައި ތަރައްޤީކުރުމަށް ކޮންޓްރެކްޓްކޮށްފައިވާ މި މަޝްރޫޢުގެ ބިންހިއްކުމަށް 240 ދުވަސްވަނީ ކަނޑައަޅާފައެވެ.
ހއ ހޯރަފުށީގައި ތަރައްޤީކުރާ ރީޖަނަލް އެއަރޕޯޓްގެ ރަންވޭއަކީ 1200 މީޓަރު ދިގު އަދި 35 މީޓަރު ފުޅާ ރަންވޭއެކެވެ.
ހޯރަފުށީގައި މި ސަރުކާރުން އަޅަން ނިންމާފައިވާ އެއަރޕޯޓަކީ ކުރީ ސަރުކާރުން އެ އަތޮޅު މާފިނޮޅުގައި އަޅަން ނިންމި އެއަރޕޯޓެވެ. މި ސަރުކާރުން މި މަޝްރޫޢު ހޯރަފުއްޓަށް ބަދަލުކުރީ ރީތިކޮށް އޮންނަ ފަޅު ރަށްރަށުގައި އެއާޕޯޓް އެޅުން ފަދަ މަޝްރޫއުތައް ނުހިންގަން ސަރުކާރުން ނިންމާފައިވާތީއެެވެ.
މާފިނޮޅުގައި އެއަރޕޯޓް މަޝްރޫއު ހިންގުމަށްޓަކައި އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ފެށި ނަމަވެސް އެ ރަށުގެ ބިން ހިއްކާފައެއް ނުވެއެވެ. ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ކުރާ އެމްޓީސީސީން ދަނީ ކުޅުދުއްފުށްޓާއި ފުނަދޫއާއި މާވާރުލު އެއާޕޯޓްގެ މަސައްކަތްވެސް ކުރަމުންނެވެ.