އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެހެން އިންތިޚާބު ތަކެކޭވެސް އެއްފަދައިން ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ރާއްޖޭގައި ވޯޓްލުން ކުރިއަށް ދާނީ އެ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކަމަށެވެ.
އީސީން ވިދާޅުވީ ޢާންމު އުސޫލާއި އެއްގޮތަށް ރާއްޖޭގައި ވޯޓުލުން ކުރިއަށް ދިޔަނަމަވެސް އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގައި ވޯޓުލުން ކުރިއަށްދާނީ އެ ޤައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 ހަމައަށް ކަމަށެވެ.
މީގެ އިތުރުން މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ޤައުމުގެ ގަޑިން ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 7:000 އަށް އަދި އިނގިރޭސީވިލާތުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 09:30 އިން ހަވީރު 05:30 ހާ ދެމެދު ކަމަށް އީސީން ވިދާޅުވެއެވެ.
ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރާއްޖެ އާއި ބޭރުގެ ބައެއް ޤައުމުތަކުގައި ޖުމްލަ 507 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، މި އިންތިޚާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެއެވެ. އަދި މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު (ދެލައްކަ ފަސްދޮޅަސް ހަތަރުހާސް ފައްސަތޭކަ އަށްޑިހަ ނުވަ) މީހުންނަށް ލިބިގެންވެއެވެ.