ޚަބަރު

ވެލާ ސަލާމަތް ކުރެއްވި ޝައިޚް، ހޫނު ފެނަށް


ޢާންމު އުސޫލުގެ މަތިން ހެނދުނު ހޭލާފައި ކޮފީ ތަށި ބޯން އިނދެގެން ޓްވިޓާ ހުޅުވާލައި ނިވްސް ފީޑުން ދުނިޔެމަތީގެ ވާނުވާ ބަލާލީމެވެ. ދެތިން ފަހަރު ސްކްރޯލްކޮށްލިތަނާ ލޮލުގައި އަޅައިގަތީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް ޢަލީ ޒައީދު ކުރައްވާފައިވާ ޓްވީޓެކެވެ.

ޢާންމުކޮށް ދީނީ ކަންކަމާގުޅޭ ޓްވީޓްކުރައްވާ ޓްވިޓާގައި ހަރަކާތްތެރި ޝައިޚް ޒައީދު މިފަހަރު ކުރައްވާފައިވަނީ ވަރަށް ތަފާތު ޓްވީޓެކެވެ. ދާގަނޑެއްގައި ޖެހި ހައްޔަރުވެފައިއޮތް ވެލައެއް، ޝައިޚް ސަލާމަތް ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. "ސްމައިލީ" ފޭސަކާއިއެކު ކުރައްވާފައިވާ ޓްވީޓުގައި ކަނޑުމަތީގައި ދަލުގައި ޖެހިފައިވާ ވެލައެއް ނަންގަވާތަނާއި ދާގަނޑުން ވެލާ ސަލާމަތްކުރައްވާތަނާއި ވެލާ އަނބުރާ ކަނޑަށް އެއްލަވާލައްވާތަން ފެނެއެވެ. ޝައިހުގެ މި އަމަލު ގިނަ ބަޔަކަށް ވަރަށް ކަމުގޮސް، ތައުރީފުގެ އެތައް ބަސްތަކެއް ބަނޑުންޖަހާލާއި އެތައްބަޔަކު ޓްވީޓްކޮށްފައި ހުއްޓެވެ.

ޝައިޚް ޢަލީ ޒައިދުގެ ޓްވީޓް

ދެން އޮތީ މި ޓްވީޓުގެ އަނެއް ފަރާތެވެ. ރަނގަޅަށް ޓްވީޓްކޮށްފައިވާ ވީޑިއޯ ބަލާލުމުން، ދާގަނޑުން ވެލާ ސަލާމަތްކުރެއްވުމަށްފަހު، ޝައިހު އެދާގަނޑު އަނބުރައި މޫދަށް އެއްލަވާލައްވައެވެ. ނަމަވެސް، އެބައިވަނީ ވީޑިއޯއިން އުނިކުރައްވާފައެވެ. ރަނގަޅަށް ބަލައިލުމުން، ވީޑިއޯއިން ބައެއް އުނިކުރައްވާފައިވީ ނަމަވެސް، ދާގަނޑުގެ ބައެއް މޫދުން ފެނެއެވެ. ކަނޑަށް ދާގަނޑު އެއްލަވާލައްވާ މަންޒަރު އުނިކުރުމަށްފަހު، ދެން ދައްކުވާދެއްވާފައިވަނީ ވެލާގައި އެޅިފައިވާ ވާފަށްތައް ކަނޑުއްވާލައްވައި ވެލާ ކަނޑަށް އެއްލަވާލައްވާ މަންޒަރެވެ. މުޅި ވީޑިއޯގެ ދިގު މިނަކީ އެއް މިނެޓާއި ވިހި ސިކުންތެވެ.

ވެލާ ސަލާމަތްކުރެއްވުމުގެ ފޯރީގައި ފަހަރުގައި ޝައިހުގެ އަތުން ކަނޑަށް ދާގަނޑު ބޭއިޚްތިޔާރުގައި އެއްލަވާލެއްވުނީކަމަށްވެސް ވެދާނެއެވެ. ނަމަވެސް، ޓްވީޓާގެ އަހުލުވެރިން އެކަން ނެގީ އެހާ ލުއިކޮށެއް ނޫނެއެވެ. ގިނަ ބަޔަކު އަދިވެސް ދަނީ އެމީހުންގެ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން، އަނބުރާ ދާގަނޑު މޫދަށް އެއްލާލާނަމަ ކިތަންމެ ގިނަ ވެލައެއް ސަލާމަތްކުރެއްވިޔަސް އޭގެ ބޭނުމެއްނެތްކަމަށް ބުނެ ގިނަ ބަޔަކުދަނީ ފާޑު ކިޔަމުންނެވެ.

މުޅި މި ހާދިސާއިން ރަނގަޅު އިބުރަތްތެރި ފިލާވަޅުތަކެއް ލިބިއްޖެއެވެ. ޝައިޚް ޒައިދުގެ ޓްވީޓާ މެދުވެރިވެގެން ނަމަވެސް މުހިއްމު މައުޟޫއަކަށް އަލި އަޅުވާލެވިއްޖެއެވެ. މޫދަށް އަޅާ ކުނިން މޫދުގައި ދިރިއުޅޭ ދިރޭ ތަކެއްޗަށް ލިބޭ ގެއްލުމާއި ކުނިން ސަލާމަތްނުވެވި ދިރޭ ތަކެތި އުޅޭ އުޅުމަށާއި އެތަކެތި ސަލާމަތްކުރުމަށްފަހު ދާގަނޑު ނުވަތަ އެނޫންވެސް ނުރައްކާތެރި ތަކެތި އަނބުރާ މޫދަށް އެއްލާލުމަކީ އެންމެ ރަނގަޅު ގޮތްނޫންކަން މިހާރު ގިނަ ބަޔަކަށް އެނގިއްޖެއެވެ. ދިރޭތަކެރި ނުރައްކާތެރި ޙާލަތެއްގައިވަނިކޮށް ސަލާމަތްކުރުމަށްވުރެ މުހިންމީ އެފަދަ ޙާލަތަށް އެތަކެތި ނުދާނެގޮތަށް އިންސާނުންގެ ޢަމަލުތައް ބެހެއްޓުމެވެ. ތިމާވެށި ސާފު، ރައްކާތެރި ތަނެއްގެގޮތުގައި ބޭއްވުމެވެ.