ޚަބަރު

ޕިކްނިކް އައިލެންޑް ތަރައްޤީކުރަނީ އެނބޫދޫ ފިނޮޅުގައި


މާލެ ކައިރީގައި އޮންނަ އެނބޫދު ފިނޮޅުން 3.3 ހެކްޓަރުގެ ސަރަޙައްދެއް ދަތުރުދާ ރަށެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިކަން ރަސްމީކޮށް އިޢުލާންކުރައްވައި، އެރަށް ތަރައްޤީކުރާނެގޮތުގެ ޕްލޭނެއްވެސް ސަރުކާރުންވަނީ ޢާއްމުކުރައްވާފައެވެ.

މާލެ ސަރަޙައްދުގައި ދަތުރުދިއުމަށް ޚާއްސަ ރަށެއް ހަމަޖެއްސަވައި އެކަން އިޢުލާން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ސަރަޙައްދުގައި ޢާއްމުން ދަތުރުދިއުމަށް ޤުދުރަތީގޮތުން އެއްވެސްރަށެއް ހުސްކޮށް ނެތްކަމަށެވެ. ރައީސް ވިދާޅުވީ އެންބޫދޫ ފަޅު މިކަމަށް ކަނޑައެޅީ އިތުރުފަޅެއް ހިއްކުމުގެ ބަދަލުގައި، ހިއްކާފައިއޮތް ތަނެއް ބޭނުންކުރުމުގެގޮތުންކަމަށެވެ.

އެނބޫދޫ ފިނޮޅުގައި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރާ ސިންހާ އެސްޓޭޓާއިއެކު މިކަމަށް އެއްބަސްވެފައިވާކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ޢަމާޒަކީ ރައްޔިތުން މިކަމަށް ދިގު އިންތިޒާރެއް ކުރަންނުޖެހި، އަންނަ އަހަރުގެ ކުރީކޮޅު ޕިކްނިކް އައިލެންޑް ބޭނުންކުރެވޭގޮތަށް، ޕްރޮޖެކްޓްގެ މަސައްކަތް ނިންމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިޕްރޮޖެކްޓާއެކު ދަތުރު ދިއުމަށް ބޭނުންވާ ހުރިހާ ޚިދުމަތްތައް އެއް ތަނަކުން ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގޮނޑުދަށުގައި ކުޅިވަރުތަކާއި މޫދު ކުޅިވަރާއި، ކުޑަކުދިންނަށް ޚާއްސަ ސަރަޙައްދުތަކާއި، ރެސްޓޯރަންޓާއި ފެމިލީ ރޫމްތައް ފަދަ ޚިދުމަތްތައް ހިމެނެއެވެ.

"މާލެ ކައިރީގައި ހުރި ހުރިހައި ފަޅުރަށްތައް، ފިނޮޅުތައް ނާޖާއިޒުގޮތުގައި ވިއްކައި ހުސްކޮށްފައިއޮތީ. މި ސަރަހައްދުގެ ރައްޔިތުން ތިބީ ރަށުބަންދުން ވީއްލޭނެގޮތެއް ނެތި ހާސްކަމުގެ ތެރޭގައި" ރައީސް ޞާލިޙް ވިާޅުވއެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރެވެންހުރި ހުރިހައި މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލޭގެ ހުސްބިންތައް ޕާކުތަކަށް ބަދަލުކުރުމާއި ހުކުރުދުވަހު ބައެއް ވަގުތުގައި މަގުތައް ބަނދުކުރަން ފެށުފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕިކްނިކް އައިލޭންޑް މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މުޙައްމަދު އަސްލަމް ވިދާޅުވީ އެރަށަށް ދަތުރުދާ ފަރާތްތަކަށް ރިސޯޓްގައި ޤާއިމުކޮށްފައިވާ ވަޞީލަތްތައްވެސް ބޭނުންކުރެވޭނެކަމަށެވެ. ނަމަވެސް ޕިކްނިކް އައިލެންޑާއި، ރިސޯޓް އޮންނާނީ، މުޅިން ވަކިކުރެވިފައިކަމަށްވެސް މިިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު މިވަނީ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ފަށާފައި. އަމާޒަކީ 7މަސްދުވަހުގެތެރޭގައި މަސައްކަތް ނިންމުން. މަސައްކަތް ވަގުތައް ނިންމާނަން." މިނިސްޓާރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މާލެއިން އެނބޫދޫ ފިނޮޅަށް 15 މިނެޓުން ދެވޭނެކަމަށެވެ. ދަތުރުދާރަށް ތަރައްޤީކޮށް ނިމޭއިރު 200 މީޓަރުގެ ބީޗް ފްރަންޓް ސަރަޙައްދެއް އޮންނާނެއެވެ. މާލެކައިރިން ދަތުރުދިއުމަށް ރަށެއް ހަމަޖެއްސުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައި އޮތްކަމެކެވެ.