ސިޔާސީ

މަސީގެ އެހީތެރިކަމާއި އެކު ކިޔަވާ ކުދިންނަށް މަސައްކަތް ދަސްކޮށްދިނުމަށް ނާއިބު ރައީސް އެދިއްޖެ


އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކިޔަވާ ކުދިންނަށް މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމު މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބޯޑު މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

މަސީގެ ބޯޑު މެންބަރުންނާއި އެކު ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ނާއިބު ރައީސް ވަނީ ކޮންސްޓްރަކްޝަން ދާއިރާއިން ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ޒުވާނުންނަށް ދެއްވުމަށާއި ޒުވާނުން އެދާއިރާއަށް އަހުލުވެރިކުރުވަން ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށް އެދިވަޑައިގަންވާފައެވެ. މި ބައްދަލުވުމުގައި ނާއިބު ރައީސް ވަނީ އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ވަކި މީހަކު އިސްނަގަންދެން މަޑުނުކޮށް ކޮންމެ މީހަކުވެސް އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މަސީއިން ހިންގުމަށް ހަމަޖެހިފައިވާ، ކޮންސްޓްރަކްޝަން ސައިޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މި ޕްރޮގްރާމް ހިންގުމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި މި ޕްރޮގްރާމް ހިންގުމުގައި ކުރިމަތިވާނެ ގޮންޖެހުންތައް މަސީން ވަނީ ނާއިބު ރައީސާއާ ޙިއްޞާކުރައްވާފައެވެ. މިކަން ޙިއްޞާ ކުރެއްވުމުން ނާއިބު ރައީސް ވަނީ އެފަދަ ކަމަކަށް މަސީން އިސް ނެންގެވީތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ކޮންވެންޝަން ސެންޓަރުގެ މަޢުލޫމާތުވެސް މަސީ އިން ވަނީ ނާއިބު ރައީސާއި ހިއްސާ ކުރައްވާފައެވެ.