ސިޔާސީ

ވޯޓު ފޮށިތަކާއި ކަރުދާސްތައް މިއަދު ރަށްތަކަށް ފޮނުވާ ނިމޭނެ - އިލެކްޝަން


އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ރަށްރަށް ފޮނުވާ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް މިއަދު ރަށްތަކަށް ފޮނުވާ ނިންމާލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރ އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ރަށްރަށަށް ފޮނުވަންޖެހޭ ވޯޓު ކަރުދާސްތައް ފޮނުވުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

މަޖިލީސް އިންތިޚާބާ ދިމާކޮށް ޖުމްލަ 501 ވޯޓްފޮށި ބަހައްޓަން ނިންމާފައިވާ އިރު ރަށްރަށުގައި ބަހައްޓަން ނިންމާފައިވަނީ 307 ވޯޓް ފޮއްޓެވެ. މާލޭގައި 144 ވޯޓް ފޮއްޓެއް ބަހައްޓާނެއެވެ. ރިސޯރޓް ތަކުގައި 33 ވޯޓް ފޮށިއެއްބަހައްޓަން ނިންމާފައިވާއިރު ބޭރު ޤައުމުތަކުގައި 8 ވޯޓް ފޮށްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައިއެވެ. ޖަލުތަކުގައި ފަސް ވޯޓުފޮށްޓެއް ބަހައްޓާއިރު ސިނާޢީ ތަންތަނުގައި ބަހައްޓާނީ ހަތަރު ވޯޓް ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރު ވޯޓު ކަރުދާސްތަށް ޗާރޕް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަސް އިން ނެވެ. މަޖިިލިސް އިންތިޚާބުގައި ވަނީ 267159 (ދެ ލައްކަ ފަސްދޮޅަސް ހަތްހާސް އެއްސަތޭކަ ފަންސާސްނުވަ) ވޯޓް ކަރުދާސް ޗާރޕް ކޮށްފައިއެވެ. ކަޅާއި ހުދުން ޗާރޕް ކޮށްފައިވާ ވޯޓް ކަރުދާސްތަކުގައި ދެ ސެކިއުރިޓީ ފީޗާރ ހިމެނިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.