ސިޔާސީ

ދަރުމަވަންތަ ހޮސްޕިޓަލަކީ ކޮރަޕްޝަން ދާއިމަށް ފެންނާނެ ބިނާއެއް - ރައީސް


ކުރީ ސަރުކާރުން ޢިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލަކީ ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނާނެ ބިނާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙް ސިފަކުރައްވައިފިއެވެ.

މާލޭގެ މާފަންނުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތްކުރި ކުންފުންޏާއި އެތަނުގެ ކޮންސަލްޓެންސީދިން ފަރާތާއި ސިންގަޕޫރުގައި ބައްދަލުކުރެއްވިކަމަށާއި، އެފަރާތްތަކުންވެސް އެއީ ކުޑަޚަރަދަކުން ޢިމާރާތްކުރެވޭނެ ބިނާއެއްކަމަށް ލަފާދީފައިވާކަމަށް އެމަނިކުފާނުގެ އަރިހުގައި ދެންނެވިކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތަކީ ފަންސާސް ހަތަރު މިލިއަން ޑޮލަރަށް ކުރެވޭނެ ޢިމާރާތެއްކަމަށާ، ނަމަވެސް ކުރީ ސަރުކާރުން އެޢިމާތް ހެދުމަށާއި އެތަނަށް ބޭނުންވާ އިކުއިޕްމަންޓްގެ ޚަރަދަށް ދުއިސައްތަ ވިހި މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށް ރައީސް ވަނީ ތުހުމަތުކުރައްވާފައެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތްކޮށްފައި ވަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަމަށް ތުހުމަތުކުރައްވާ ވިދާޅުވީ، އެ ހޮސްޕިޓަކަށް ބޭނުންވާ އިކްއިޕްމަންޓް ވެއްދުމަށްޓަކައި ޢިމާރާތަށް ބައެއް ބަދަލު ގެންނަންޖެހިފައިވާކަމަށާ، އެގޮތުން ކޮޓަރިތަކުގެ ދޮރުތައް އަލުން ބަދަލުކޮށް ބޮޑު ޚަރަދެއް ކުރަންޖެހިފައިވާކަމަށެވެ.

މިއީ ދައުލަތުގެ ބަޖެޓުން ނާޖާއިޒު ގޮތުގައި ކުރީސަރުކާރުން ކުރެއްވި ޚަރަދުގެ ގޮތުގައި ސިފަކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ހަމަނޭވާ ލެވޭނީ ދައުލަތުން ވައްކަންތައްކުރި މީހުން ހިފައިހައްޔަރުކޮށް ޖަލަށް ލެވިގެންކަމަށެވެ.

"އެ ޢިމާރާތްކުރި ކޮންސްޓަރަކްޝަން ކުންފުނީގެ އިސްފަރާތަކާ ބައްދަލުވި. އަޅުގަނޑު ދެންނެވިން ކަލޭމެން ކިހިނެއްހޭ އެތަންހަދާފަ ތިހުރީ. އެތަނަށް މިހާރު މިއުޅޭނީ ގެނައި އިކުއިޕްމަންޓް ނުވެއްދިގެންނޭ. އެނގިވަޑައިގަންނަވާތޯ އެތަނަށް އިކުއިޕްމަންޓް ކޮޓަރިތަކަށް ވެއްދީމާ އެތަނުގެ ދޮރެއް ނުހުޅުވޭ. އަނެއްކާ މިޖެހުނީ އެތަނުގެ ދޮރުތަށް ބަދަލުކޮށް ސްލައިޑް ދޮރަށް ބަދަލުކޮށް އިތުރު ޚަރަދުކުރަން. ކިހިނެއްހަދާފަ ހުރިތަނެއްހޭ އެއީ؟ ބުނީމަ ބުނީ އެތަން ޢިމާރާތްކޮށް ގަންނަން ނިންމާފައިވަނީ ގޯލްޑަން ސްޓޭޑަރޑްގެ އިކުއިޕްމަންޓްގެ ތަކެއްޗޭ. އެއީ އެންމެ މިހާރުގެ މިޒަމާނުގެ އެއްޗެއްސޭ. އޭގެ ޚަރަދަށް ދާނީ 23 މިލިއަން ޑޮލަރޭ. އެކަމު ބަޖެޓުން ފައިސާ ނަގައިގެން މާކުރީ އިހުޒަމާނުގެ އިކުއިޕްމަންޓް ގެނެސް ވެއްދީމަ އެތާ ދޮރެއް ނުހުޅުވޭ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރީ ސަރުކާރުން ހުޅުމާލޭގައި ޢިމާރާތްކުރަން ފެށި ހަތްހާސް ހައުސިންގ ޔުނިޓްތަކަކީވެސް މީހުން ދިރިއުޅެން އެންމެ އެކަށޭނަގޮތަށް ޑިޒައިންކޮށްފައިވާ ތަންތަން ނޫންކަމަށްވިދާޅުވެ ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ، އެ ހަތްހާސް ފްލެޓްގެ ބަދަލުގައި އަލުން އެހެން ފްލެޓްތަކެއް ޢިމާރާތްކުރުންވެސް މާ ރަނގަޅުވާނެކަމަށެވެ.

"އެތަނަށް އެނދެއްވެއްދީމަ ދެންނެތް އަލަމާރިއެއް ބެހެއްޓޭނެތަނެއް. ކިހިނެއްތޯ އެތަނުގައި މީހުން ދިރިއުޅޭނީ. އިހައްދުވަހު އިކޮނޮމިކް ކޮމިޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން. ބޭނުމެއް ކުރެވޭނެތަނެއް ނޫނޭ. އެއަށްވުރެ ރަނގަޅުވާނެ އެތަން ތަޅާލާފަ އަލުން އެހެންތަނެއް ހެދިއްޔާ. މިއީ އެފްލެޓްހަދާ ބިލްޑިންގތައް ހުރިގޮތް. މިތަނަށްވަދެ މީހަކު ދިރިއުޅޭނެ ގޮތެއް ނޭނގެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހިންގި މަޝްރޫޢުތަކަކީ ބޮޑެތި ޚިޔާނާތްތަކެއްގެ ގޮތުގައި ސިފަކުރައްވައި ރައީސްވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގައި އެ މައްސަލަތައް ބައްލަވައި އިންސާފު ހޯދައިދޭނެކަމަށެވެ. އެކަމަށްޓަކައި ވަކި ފަރާތަކަށް ބުރަނުވެ އިންސާފު ހޯދޭނެ ބަޔަކު ހޯދަންޖެހިފައިވާކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.