ދެހާސް ސާދަ ވަނަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްވެނިވި
ދަރިވަރުންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްފިއެވެ.
ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތެއްގައި ހަނދާނީ ލިޔުން
ޙަވާލުކޮށްފައިވަނީ ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހު ހިންގުނު
އިންޖިނިއަރިންގެ ތަފާތު ދާއިރާއިން ކޯސް ފުރިހަމަކުރި ފަސްދޮޅަސް ނުވަ
ދަރިވަރުންނަށެވެ. ދަސްވެނިންނަށް ހަނދާނީ ލިޔުން ޙަވާލުކޮށް ދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޝިހާާމް ވިދާޅުވީ، ފާއިތުވި އަހަރު
ތަކުގައި ޕޮލިޓެކްނިކުން ތަމްރީނުވި ކުދިންގެ އަދަދު މަދުވިނަމަވެސް، މިދިޔަ
އަހަރު އެއަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ
ތައުލީމީ ނިޒާމް ބައްޓަން ކުރެވިފައިވަނީ މަސައްކަތްތެރިކަމުގެ ރޮނގުން
ޒުވާނުންނަށް ފުރުސަތު ދެވޭ ގޮތަށް ކަމަށާއި އަދި ޒުވާނުން ފަންނީ ދާއިރާތަކުން
ހުނަރުވެރި ކުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ޖޫން މަހުގައި ދަސްވެނިވި ސާޅީސް ދެ
ދަރިވަރުންނާއެކު ނިމިގެންދިޔަ އަހަރު ޕޮލިޓެކްނިކުންް ޖުމްލަ ސަތޭކަ އެގާރަ
ދަރިވަރަކު ވަނީ އިންޖިނިއަރިންގެ ދާއިރާގެ ތަފާތު ކޯސްތަކުން ދަސްވެނިވެފައެވެ.
ތަރުބަވީ ތައުލީމްގެ ތެރެއިން ޒުވާނުން ފަންނީ ދާއިރާތަކުން ހުނަރުވެރި ކުރުމުގެ
ސިޔާސަތުގެ ދަށުން، މިދިޔަ އަހަރު ތިރީސް ދެ ދަރިވަރުން ވަނީ ތަމްރީނު ހޯދާ ލެވެލް
ތިނެއްގެ ސެޓްފިކެޓް ޙާސިލްކޮށްފައެވެ. އަދި މިއަހަރު މި ޕްރޮގްރާމްގައި ތިރީސް
ހަަތަރު ދަރިވަރަކު ދަނީ ތަމްރީނު ހޯދަމުންނެވެ. އިންޖިނިއަރިންގެ ތަފާތު ދާއިރާގެ
ޒުވާނުންނާއި ގުޅުންހުރި ކޯސްތަކުގައްޔާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން
ފަރުމާކޮށްފައިވާ ތަފާތު ކޯސްތަކުގައި މިއަހަރު އެމަރުކަޒުގައި
އެއްހާސް ތިރީސް ހަތް ދަރިވަރަކު ތައުލީމް ޙާސިލްކުރަމުންދާ ކަމަށް ޕޮލިޓެކްނިކުން
މައުލޫމާތު ދެއެވެ.