އއ.ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.
ހައުސިންގ މިނިސްޓަރީން ބޭއްވި ރަސްމިއްޔާތެއްގައި ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާއި ޙަވާލުކުރީ ސާޅީސް ތިން މިލިއަން ރުފިޔާއަށެވެ. ހަތަރުސަތޭކަ ނުވަދިހަ ހަތް މީޓަރުގެ ބޭރު ތޮއްޓަކާއި ތިންސަތޭކަ ހަތްދިހަ ދެ މީޓަރުގެ އެއްގަމު ތޮއްޓެއް މިމަޝްރޫޢުގެ ދަށުން ހިމަންދޫ ބަނދަރުގައި ހަދާނެއެވެ. އަދި ސަތޭކަ ދިހަ މީޓަރުގެ ރިވެޓްމަންޓް ފާރެއްވެސް އެބަނދަރުގައި ލުމަށް ހަމަޖެހިފައިވެއެވެ.
ބަނދަރު ފުންކުރުމާއި ނެރުބައްތި ޖެހުމާއި ބަނދަރު ސަރަޙައްދުގައި ބަނދަރުބައްތި ހަރުކުރުމާއި ރޭމްޕެއް ހަދުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ގޮތުގައި އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ.
މިމަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީޕް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސެއިން މޫސާއެވެ.