ޚަބަރު

ސެލްޓާވީގޯގެ ކުރީގެ ޑިފެންޑާ ޕަބްލޯ ކޮއިރާ، ރާއްޖެ އަންނަނީ!


މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދައުވަތަކަށް ސެލްޓާވީގޯގެ ކުރީގެ ޑިފެންޑާ ޕަބްލޯ ކޮއިރާ، ރާއްޖެ އަންނަގޮތަށް ހަމަޖެހިއްޖެއެވެ.

ކޮއިރާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. ހަތަރު ދުވަހުގެ މި ދަތުރުގައި، ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ތަރައްގީކޮށް، ބައިނަލްއަގްވާމީ މުބާރާތްތަށް ރާއްޖޭގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ތަކާއިމެދު މަޝްވަރާކޮށް ޚިޔާލު ހޯދުމަށް ހަމަޖެހިފައިވާ ކަމަށް އެކްޓިން ޔޫތް މިނިސްޓާ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކްޓިން ޔޫތް މިނިސްޓާ އަލީ ވަޙީދު ވިދާޅުވީ، ސަރުކާރުގެ ތަސައްވަރަކީ، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު، ބައިނަލް އަގްވާމީ ފެންވަރުގެ ދަނޑަކަށް ތަރައްގީކޮށް، އިންޓަނޭޝަނަލް މުބާރާތްތަށް ބޭއްވުން ކަމަށެވެ. އަދި އެކަން ކުރުމަށް ތަޖުރިބާކާރުންގެ ވިސްނުން ހޯދާނެ ކަމަށްވެސް މިނިސްޓާ ވިދާޅުވިއެވެ.

މިނިސްޓާ އަލީ ވަޙީދު ވިދާޅުވީ، ގަލޮޅު ދަނޑުގެ މަރާމާތަށްވެސް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ކޮއިރާ އާއި މަޝްވަރާ ކޮށް އެކަމުގެ ޓެކްނިކަލަ ސަޕޯޓު ހޯދާނެ ކަމަށެވެ.

މިނިސްޓާ ވިދާޅުވީ، ދުބާއީ ފަދަ ގައުމުތަށްވެސް ކުޅިވަރުގައި ތަރައްގީ ވެގެންދިޔައީ، ތަޖުރިބާކާރު ބޭފުޅުން ގެނެސް، އެބޭފުޅުންގެ ވިސްނުން ހޯދައިގެން ކަމަށެވެ.

"ދުބާއީ ފަދަ ގައުމުތަށް ކުޅިވަރުގައި ކުރިއަރައިގެން ދިޔައީ ކުޅިވަރުގެ ތަޖުރިބާކާރުންގެ އެހީ ހޯދައިގެން، މޮޅެތި މީހުން ގެނެސް އެތަނުގައި ބޭސްކޮށް، އެމީހުންގެ ނޮލެގް ބޭނުން ކޮށްގެން. އެންވީމަ އަޅުގަނޑުމެން ސަރުކާރުގެ އާމާޒަކީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތަށް ބޭއްވޭ ވަރަށް ރާއްޖޭގެ ދަނޑުތަށް ތަރައްގީ ކުރަން. މިކަން ކުރަން ބޭނުންވާ ނިސްނުމާއި ޓެކްނިކަލް ސަޕޯޓު އަޅުގަނޑުމެން މި ހޯދަނީ. ކޮއިރާ ރާއްޖެ ގެނައުމުގެ މައިގަނޑު މަގްސަދަކީވެސް އެއީ." މިނިސްޓާ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޕަބްލޯ ކޮއިރާ އަކީ ސްޕެއިންގެ ޒުވާން ގައުމީ ޓީމުން ވިދާލި ކުޅުންތެރިއެކެވެ. އޭނާ ވަނީ 20 އަހަރުން ދަށުގެ ވޯލްޑްކަޕް ސްޕެއިންގެ ޒުވާން ގައުމީ ޓީމާއިއެކު ކާމިޔާބުކޮށްފައެވެ. އަދި އޭގެ ފަހުން ސީނިއާ ލެވެލް ގައި އޭނާ ވަނީ ސެލްޓަވީގޯގައި މޮޅު ކުޅުމެއް ދައްކާފައެވެ.
2010ވަނަ އަހަރު ރިޓަޔާ ކުރުމަށްފަހު ކޮއިރާ މަސައްކަތް ކުރަމުން އަންނަނީ ފުޓުބޯޅަ ޑިވެލޮޕްމަންޓްގައެވެ.