ޚަބަރު

މާލޭގައި ވެހިކަލް ދުއްވުމުގެ އުސޫލަށް މިއަހަރު އަމަލުކުރަނީ


މާލޭގައި ދުއްވާ
ވެހިކަލްތައް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ އުސޫލަށް މިއަހަރު ތެރޭގައި ޢަމަލު
ކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.



އެ އޮތޯރިޓީގެ ޗެއާރމަން
އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، މާލޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު
މަދުކުރެވޭނީ މާލޭގައި ރަޖިސްޓްރީކުރާ ވެހިކަލްތައް ކޮންޓްރޯލް ކުރެވިގެން
ކަމަށެވެ.



މިހާރު
އެކުލަވާލާފައިވާ އުސޫލަށް އަމަލް ކުރަން ފެށުމުގެ ކުރިން އޭގައި ހިމެނޭ ސިޔާސަތުތަކާއިބެހޭގޮތުން  މަޝްވަރާކޮށް ބައެއް ކަންތައް ނިންމުމަށް
ހައުސިން މިނިސްޓްރީ އާއި، އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޓްރެފިކް
ކޮމެޓީ އާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގައި ދުއްވަން
ރަޖިސްޓްރީ ކުރާ ވެހިކަލްތައް މާލޭގެ މަގުތަކުގެ ނިސްބަތުން ކޮންމެ ދެ މީޓަރަކަށް
ވެހިކަލް އެއް ޖެހޭ މިންވަރަށް މަދު ކުރުމާއި، މާލޭގައި ދުއްވަން ރަޖިސްޓްރީ ކުރާ
ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމާއި، މާލޭގައި ބޭނުންކުރާ ވެހިކަލް ތަކުގެ އުމުރު
ކަނޑައެޅުމަށްވެސް މަޝްވަރާ ކުރަމުންދާ ކަމަށް ނާފިޒް ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް ސަރޓިފިކޭޓް
އޮފް އެންޓައިޓްލްމެންޓް ނުވަތަ ހުސްވާ ޖާގައަށް އެކަނި  މާލެއަށް ވެހިކަލް އިމްޕޯރޓް ކުރުމުގެ ހުއްދަ
އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާ ގޮތަށް ނިންމުމަށްވެސް މަޝްވަރާ
ކުރަމުންދާކަމަށް ނާފިޒް ވިދާޅުވިއެވެ. އަދި ރާއްޖެ އެތެރެކުރާ އުޅަނދެއްގެ ބައެއް
ހަލާކުވެފައިވާނަމަ އެ އުޅަނދެއް ރާއްޖެ އެތެރެ ނުކުރުން ނުވަތަ އެ އުޅަނދަކުން
ނަގާ ޑިއުޓި ބޮޑުކުރުމަށް ގޮތެއް ނިންމުންވެސް މަޝްވަރާތަކުގައި ކުރިއަށްވާނެ
ކަމަށް ނާފިޒް ވިދާޅުވިއެވެ.

މިއަހަރުގެތެރޭގައި
އުސޫލަށް އަމަކުކުރަން ފެށިނަމަވެސް ތަންފީޒު ކުރުމަށް އެއް އަހަރުގެ މުއްދަތެއް
ބޭނުންވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މަޢުލޫމާތުދެއެވެ.