ޚަބަރު

އަރުހަމް މަރާލި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ޙުކުމް


ކުއްލިއްޔާގެ އިރަށް އޮންނަ ޕާކެއް ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ހއ. ހޯރަފުށީ ނޫރީގޭ އަޙްމަދު އަރުހަމްގެ މައްސަލަ ސާބިތުވެ މުހައްމަދު ވިސާމް މަރަން ކްރިިމިނަލް ކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މި މައްސަލާގައި މިއަދު މެންދުރު ހައިކޯޓުގައި ވަނީ ޝަރީޢަތެއް ކުރިއަށް ގެންގޮސްފައެވެ. ޝަރީޢަތް ފައްޓަވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މިއަދުގެ ޝަރީޢަތުގައި އޮންނާނީ ފަހުބަސް ވިދާޅުވުން ކަމަށެވެ. މި ފުރުޞަތުގައި ވިސާމްގެ ޤާނޫނީ ވަކީލް އަލީ ޝާހު ވިދާޅުވީ އަރުހަމް މަރާލި މައްސަލާގައި ވިސާމްގެ މައްޗަށް ކުށް ސާބިތުވި ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވިސާމް މެރުމަށް ޙުކުމް ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. ޝާހު ވިދާޅުވީ މީހަކު މެރުމަށް ޙުކުމް ކުރަންޖެހޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުން ކަމަށެވެ. މި މައްސަލާގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އޮންނާނީ މި މައްސައިގެ ޙުކުމް އިއްވުން ކަމަށެވެ. ނަމަވެސް ޙުކުމް އިއްވާނެ ތާރީޚެއް ފަނޑިޔާރުންގެ ބެންޗަކުން ވިދާޅެއްނުވެއެވެ.

ދެހާސްބާރަ ވަނަ އަހަރުގެ މެއިމަހު ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި އަރްހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގާ ދައުލަތުން ދައުވާކުރީ ލ.މާވަށު އެވަބްލޫ މުޙައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު މުޙައްމަދު ސުފްޔާންގެ އިތުރުން މއ.ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ ވިސާމްގެ މައްޗަށް ކުށް ސާބިތުވީ އޭނާ އަރްހަމް ގަޔަށް ވަޅިހެރިތަން ފެނުނު ކަމަށް މީހަކު ހެކިބަސްދީފައިވުމާއި އެ ގޯޅި ތެރެއިން ވިސާމް ނުކުންނަނިކޮށް ފެނުނު ކަމަށް އިތުރު މީހަކު ހެކިބަސްދިނުމާއި ބަޔަކު އަރުހަމަށް ހަމަލާ ދެމުންދިޔައިރު އޭނާގެ ގައިގާ ވިސާމް ހިފަހައްޓައިގެން ހުރިކަމަށް އެހެން މީހަކު ހެކިބަސް ދިނުމުން ކަމަށެވެ.

އަދި އެއްވެސް ހައްގަކާނުލާ އަރުހަމް މަރާލީ ތޫނު ހަތިޔާރުން ހަމަލާދީގެންކަން އެނގެން އޮތުމާއެކު އޭނާއަށް ހަމަލާދީފައިވަނީ މަރާލުމުގެ ގަސްދު އޮވެގެން ކަމަށް އިސްލާމީ ފިގުހީ އުސޫލުތަކުން ބަލަންޖެހޭ ކަމަށާއި އެއްވެސް ހައްގަކާނުލާ އަރުހަމަށް ހަމަލާދީ މަރާލީ ވިސާމް ކަން ޝަރީއަތަށް ސާބިތުވާތީ ވިސާމްގެ ލޭގެ ހުރުމަތް ކެނޑިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމްގައިވެއެވެ. އަދި އަރްހަމްގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރުހިފަން ކަމަށް ވުމުން ވިސާމް މަރަން ހުކުމް ކުރީ ކަމުގައި ކްރިމިނަލް ކޯޓްގެ ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.

ވިސާމް މަރަން ހުކުމް ކުރުމަށްފަހު ޣާޒީ ވަނީ އެ މައްސަލައިގާ ދެން ހިމެނޭ މަންސޫރު ޔޫސުފާއި މުޙައްމަދު ސުފްޔާންގެ އިތުރުން އާތިފް ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވީ އެ މީހުންނާއި ދެކޮޅަށް ޝަރީއަތަށް ލިބުނު ހެކިބަހުގައި ފުށު އެރުންތަކެއް ހުރުމުން ކަމަށް ވިދާޅުވެފައެވެ. މި މީހުންގެ އިތުރުންވެސް ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވި ނަމަވެސް ހެކި ނެތުމުގެ ސަބަބުން އެ ދެ މީހުންނާ ދެކޮޅަށްވެސް ދައުވާއެއް ނުކުރެވުނެވެ.

ދަރުމަވަންތަ ސްކޫލުގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލް ކުރަމުންދިޔަ އުމުރުން 14 އަހަރުގެ އަޙްމަދު އަރްހަމް މަރާލާފައިވަނީ ކުއްލިއްޔާގެ އިރަށް އޮންނަ ގޯޅިތެރޭގައި އޮންނަ ލޮރެންޒޯ ޕާކްތެރޭގައި ހުރި ޖޯއްޔެއްގައި އޭނާ ނިދާފައި އޮއްވާ ގްރޫޕަކުން ގޮސް އޭނާއަށް ތޫނު ހަތިޔާރުން ހަމަލާދީގެންނެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަރްހަމްގެ މަރުގެ މައްސަލައާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު ފުލުހުން ވިދާޅުވެފައިވަނީ އޭނާ މަރާލީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގަމުންދިޔަ ހަމަނުޖެހުމެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.