ސިޔާސީ

ދިއްދޫ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަނީ


ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދިއްދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ދިއްދޫގެ ތަރައްޤީއަށްޓަކައި ކުރަހާފައިވާ ކަންތައްތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ދިއްދޫ ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރާނެ ކަމަށެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދިއްދޫ ރައްޔިތުންނަށްވެސް އެންމެ ބޮޑަށް ދިމާވެފައިވާ ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ސަރުކާރުން ޙައްލު ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ދިއްދޫގައި އިތުރު ހައުސިން ޔުނިޓުތަކެއް ސަރުކާރުން އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިދެންނެވީ މިދާއިރާއަށް އަޅުގަނޑުމެން ކުރަން ހުރި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކުގެ ވާހަކަ. އިރާދަކުރެއްވިއްޔާ މި ވެރިކަމުގައި މިރަށަށް ބޮޑެތި ބަދަލުތަކެއް، ހެޔޮ ބަދަލުތަކެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ދިއްދޫއަށް ގެންގުޅުއްވާ ތަޞައްވަރު އެމަނިކުފާނުގެ ފަސް އަހަރު ނިމޭއިރު ފުރިހަމަވެގެންދާނެ ކަމަށެވެ. ދިއްދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދެއްވެސްމެއެވެ.