ތަރައްްޤީ

ހެލްމެޓު ނާޅާ ފަރާތްތަކާއި މެދު މިރެއިން ފެށިގެން ފިޔަވަޅު އަޅަނީ


ޤަވާއިދުގައި ބަޔާންކުރާ ހެލްމެޓު ނާޅާ ފަރާތްތަކާއި މެދު މިރޭ 12 އިން ފެށިގެން ފިޔަވަޅުއަޅަން ފަށާނެއެވެ.

މާޗުމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓު އެޅުން މަޖުބޫރުކޮށް ޢަމަލުކުރަން ފަށާފައިވާއިރު ހެލްމެޓު ނާޅާ ފަރާތްތަކާއި ގަވާދުގައި ބަޔާންކޮށްފައިވާ ފަދަ ހެލްމެޓު ނާޅާ ބުރިޖު ހުރަސްކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުން ޓްރާންސްޕޯޓް މިނިސްޓްރީންވަނީ ފަސްކޮށްފައެވެ. ފަސްކުރި ސަބަބެއްކަމަށް މިނިސްޓްރީން ވިދާޅުވީ ހެލްމެޓު އެޅުން މަޖުބޫރުކުރަން ނިންމުމާ ގުޅިގެން އާންމުން ހޯދާފައިވާ ބައެއް ހެލްމެޓްތަކަކީ ޓްރާންސްޕޯޓް ޤަވާއިދަށް ނުފެތޭ ހެލްމެޓް ތަކަކަށްވުމުން، އާންމުންނަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުންކަމަށެވެ.

ހެލްމެޓު އެޅުމުގައި ސައިކަލު ދުއްވާ ފަރާތާއި ފަހަތުގައި ހުންނަ މީހާވެސް ހެލްމެޓު އެޅުން ލާޒިމެވެ. އެހެންކަމުން އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސައިކަލުގައި ދާ ދެމީހުން ހެލްމެޓު ނާޅާނަމަ ފިޔަވަޅުއަޅާނެއެވެ.

ސައިކަލު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެލްމެޓު އަޅަން މަޖުބޫރުކުރާ ގަވާއިދު އެކުލަވާލުމުގައި ދުނިޔޭގެ ކުރިއަރާފައިވާ 10 ޤައުމެއްގެ ހެލްމެޓު ސްޓޭންޑާރޑް ދިރާސާކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްމެޓު ބޭނުންކުރާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭގޮތަށް ބަކަލްކޮޅު ހަރުކޮށްފައި ހުންނަންވާނެއެވެ. ކަރުދަށުން ލައްވާ ކަމަރު ނުވަތަ ބަކަލް ކޮޅުގައި ގޮށް ޖަހާފައިހުރުމާއި ދަގަނޑު އެތޮކިޅުތައް ހަރުކޮށްފައި ހުންނަ ހެލްމެޓުތައްވެސް އެޅުމަކީ މަނާކަމެކެވެ.

މި ޤަވާއިދުގެ ދަށުންކުލަ މެޓީރިއަލްގެ ހެލްމެޓުވެސް އެޅުން މަނާކުރެއެވެ. އެގޮތުން ހެލްމެޓުގެ 90 އިންސައްތަ ހުންނަންވާނީ އެއްކުލައެއްގައެވެ. އަދި ހެލްމެޓުގައި ހުންނަ ސްކްރީނަކީ މޫނުފެންނަފަދަ ހެލްމެޓަކަށް ވާންޖެހޭނެއެވެ. މިގޮތަށް ނިންމީ މައްސަލައެއް ދިމާވެ ހެލްމެޓު އަޅައިގެން ހުރިމީހާ ހޯދަން ފަސޭހަވާނެގޮތަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްމެޓު ނާޅާ ބުރިޖު ހުރަސްކުރާ ފަރާތްތަކާއި ގަވާއިދުގައި ބަޔާންކުރާ ފަދަ ހެލްމެޓު ނާޅާ ފަރާތްތަކާއިމެދު އެޕްރީލް މަހުގެ 1 ވަނަ ދުވަހުންފެށިގެން ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު މިއިން ކޮންމެ ކަމެއްގައި ފުރަތަމަ ފަހަރުނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.