ސިޔާސީ

ޤައުމީ އަދި ޚާއްޟަ އިނާމު ކޮމެޓީތަކާ ރައީސް ބައްދަލުކުރައްވައިފި


އަލަށް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއާއި، ޚާއްޞަ އިނާމާބެހޭ
ކޮމިޓީއާއި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ.



ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި
ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ
އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ޚިދްމަތް ކުރައްވާ
ދާއިރާއަކުން އިނާމު ޙައްޤު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް
ވާންޖެހޭ ކަމަށް ވިދާޅުވެ، މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި މިހާރު ވަރަށް
ފަންނުވެރި ހުނަރުވެރި ޒުވާނުން ތިބުމާއެކު، ޒުވާނުންގެ ޝައުޤުވެރިކަން ހުރި
ދާއިރާތަކަށް އިސްކަން ދެއްވައިގެން، ފުރްޞަތު ހުޅުއްވައިލެއްވުމުގެ މުހިންމު
ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.



ސަރުކާރަށް ކުރާ ޚިދުމަތަކީ، ވަރުގަދަ ޤައުމީ ޚިދްމަތެއް ކަމަށް
ވިދާޅުވަމުން، ޚިދްމަތުގައި ދެމިތިބި، އަދި އެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް
މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ޚިދްމަތުގެ އަގު ވަޒަންކުރަންޖެހޭ ކަމުގައި
ވިދާޅުވެ، ދައުލަތަށް ޚިދްމަތް ކުރުމުގެ ދާއިރާއިން މި އަހަރު އިނާމަށް ފުރްޞަތު
ހުޅުއްވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ސަރުކާރުން
ދެއްވާ ޚާއްޞަ އިނާމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ
ބައްލަވައިލައްވަމުން، އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން
ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމަށާއި، ޕީ.އެޗް.ޑީ ޙާޞިލު
ކުރައްވާ ފަރާތްތަކަށް އިނާމު ދެއްވުމުގައިވެސް އުޞޫލުތަކެއް އެކުލަވައިލެއްވުމަށް
އެދިވަޑައިގެންނެވިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގަވާއިދު އެކުލަވައިލައްވާއިރު،
ވީހާވެސް ގިނަ ނަންތައް އިނާމަށް ހުށަހެޅޭ ގޮތަށް ކޮމިޓީގެ ބޭފުޅުން
ވިސްނާވަޑައިގަތުމަށާއި، އެކަމުގައި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ
އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދަވައިގެން މަސައްކަތް ކުރިއަށް
ގެންގޮސްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ޤައުމީ އިނާމާއި
ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ
ޖަލްސާގައެވެ.