ސިޔާސީ

ޖުމްލަ ނަތީޖާ އިޢުލާންކުރާއިރު ވަކިވަކި ފޮށިތަކުގެ ނަތީޖާ މިފަހަރު އިއުލާނެއް ނުކުރާނެ- އީސީ


އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މުޅި އިންތިޚާބުގެ ޖުމްލަ ނަތީޖާ އިޢުލާންކުރާއިރު ވަކި ވަކި ފޮށިތަކުގެ ނަތީޖާ އިޢުލާން ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިގޮތަށް ނިންމިނަމަވެސް އެ ފޮށިތަކުގެ ނަތީޖާ ވަކި ވެބްސައިޓަކަށް އަޕްލޯޑް ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއެއްގައި 501 ފޮށީގެ ނަތީޖާ އިއުލާން ކުރަންޖެހޭ. އެހެންވީމާ މިފަހަރު ވަކިވަކި ފޮށިތަކުގެ ނަތީޖާ އިއުލާން ކުރާނީ ވެބްސައިޓް މެދުވެރިކޮށް" ޝަރީފް ވިދާޅުވިއެވެ.

އީސީން ވިދާޅުވީ، އިންތިޚާބުގެ ޖުމްލަ ނަތީޖާ އިޢުލާންކުރާއިރު ވަކިވަކި ފޮށިތަކުގެ ނަތީޖާ އިޢުލާން ނުކުރިނަމަވެސް ކުރީގެ އިންތިޚާބުތަކޭ އެއްގޮތަށް ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނާ ނިމުމުން ވަކި ފޮށިތަކުގެ ނަތީޖާ އިއުލާންކުރާނެ ކަމަށެވެ. އަދި އިންތިޚާބުގެ ވަކިވަކި ފޮށިތަކުގެ ނަތިޖާ ވެބްސައިޓުގައި އާންމު ކުރާނީ އެ ފޮއްޓެއްގެ ދާއިމީ ނަތިޖާ ލިބުމުން ކަމަށްވެސް އީސީން ވިދާޅުވެއެވެ.