ޚަބަރު

ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުއްވައިފި


ހދ. ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފިއެވެ. މި ސެންޓަރ ހުޅުއްވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތުދެމުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ)އިން ބުނީ މި ސެންޓަރު ހުޅުވާފައިވަނީ ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާ އެކުގައި ކަަމަށެވެ. އެހެންކަމުން ޑިޓޮކްސިފިކޭޝަންގެ ފަރުވާ ބޭނުންވާ މީހުންނަށް މާލެއިން ލިބޭ ފެންވަރަށް އެ ސެންޓަރުން ފަރުވާ ލިބޭނެ ކަމަށެވެ.

އެންޑީއޭއިން ބުނީ އެ ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށާ، އަދި އެ ސެންޓަރުން ފަރުވާދޭން ފަށާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަަމަށެވެ.

މާލެއިން ބޭރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރ ޤާއިމް ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސަރުކާރުގެ މި ވައުދުގެ ދަށުން އައްޑޫ ސިޓީގައިވެސް މިހާރުވަނީ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ޤާއިމްކޮށްދެއްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ހުރި އެންމެ ބޮޑު ޑިޓޮކްސިފިކޭޝަން ސެންޓަރ ވެސް އައްޑޫގައި ޤާއިމްވެގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.