"ބްރޭކް ދަ ބެރިއަރ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދިޔަ އަންހެނުންގެ ފެތުން  ސަތޭކަ އަންހެނުން ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. 
މިފެތުމުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ މިމަހުގެ 8ވަނަ ދުވަހު ފާހަގަކުރި މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މާލެއަތޮޅު ފުނަދޫ ކައިރިން ފުންމާލައިގެން މާލޭގެ އެއް ނަމްބަރު ފާލަމާހަމައަށް ސަތޭކަ އަންހެނުން ފަތާފައިވާއިރު މި ފެތުމުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 
ފެތުމުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ މިފަދަ ހަރަކާތްތައް ގިނަގިނައިން ބޭއްވުމަށް އެމީހުން އެދޭކަމަށެވެެ. އަދި މުޖުތަމަޢުގައި އަންހެނުންގެ ދައުރުގެ މުހިންމުކަމާއި ބޭނުން މިކަމުން ހާމަވެގެންދާކަމަށް އެމީހުން ދެކެއެވެ. 
މި ޙަރަކާތަކީ ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. މިޙަރަކާތް ކުރިއަށްދިޔަ ވަގުތު ފެތުންތެރިންގެ ސަލާމަތައްޓަކައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް ސިފައިން އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. ފެރުންތެރިން ފަތާފައި އައިސް މާލެއެރިވަގުތު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ސާލިހް ވަނީ އެސަރަހައްދައް ވަޑައިގެން ފެތުންތެރިންނާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި ގިނަ ޢަދަދެއްގެ ޢާންމުންވެސް ވަނީ އެސަރަހައްދަށް އެއްވެ މިޙާރަކާތް ބަލާލާފައެވެ. 
މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަނުން ބުނީ އަމާޒަކީ އެފަދަ ޙަރަކާތެއް ކުރިއަށްގެންދާތަން ފެނުމުން އިތުރު މީހުންވެސް އެކަމަށް ޝައުގުވެރިވެ ފަތަން ދަސްކުރަން ޝައުގުވެރި ވުމަކީ އަމާޒެއްކަމަށެވެ. އަދި އަންހެނުންނަށްވެސް ކަންކަން ވާނެކަން ސާބިތުކޮށްދިނުމަކީ މިޙަރަކާތުގެ އެންމެބޮޑު އެއްއަމާޒުކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. 
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހަކީ މާރިޗް މަހުގެ 8ވަނަ ދުވަހެވެ. މި ދުވަހާ ގުޅިގެން ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ޖަމްޢިއްޔާތަކުންވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.