ޚަބަރު

މެކްސިކޯ އާއި އެމެރިކާއާ ދެމެދު އަނެއްކާވެސް ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި


މެކްސިކޯ އާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގު ބަންދުކުރަންޖެހިދާނެކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް މެކްސިކޯއިން ރައްދުދީފިއެވެ. ޓްރަމްޕަށް ރައްދުދެއްވަމުން މެކްސިކޯގެ ޚާރިޖީ ވަޒީރު މާސީލިޔޯ އެބްރާދް ވިދާޅުވީ، މެކްސިކޯއަކީ ބިރުދައްކައިގެން ކަންކަންކުރަން މަޖުބޫރުކުރެވޭނެ ޤައުމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، މެކްސިކޯގެ ކުރިމަތީގައި އެމެރިކާގެ ސަރަހައްދީ ރޮނގު ބަންދުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ހުއްޖަތަކީ އަސާސެއް ނެތް ހުއްޖަތެއްކަމަށާއި، ޓްރަމްޕްގެ ބިރުދެއްކެވުންތައް ބަލައިނުގަނެވޭނެ ކަމަށެވެ.

އެމެރިކާއިން މެކްސިކޯއާ ދެކޮޅަށް ފިޔަވަޅުއަޅަން ބަލާއިރު، އެމެރިކާގެ ދޭއް ޕޮއިންޓް ފަހެއް މިލިޔަން މީހުން މެކްސިކޯއަށް ހިޖުރަކޮށްގެން އުޅޭކަން ޓްރަމްޕް ހަނދުމަފުޅު ބަހައްޓަވަން ޖެހޭނެކަމަށް މެކްސިކޯގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މެކްސިކޯއާ ގުޅިފައިވާ އެމެރިކާގެ ސަރަހައްދީ ރޮނގު، އަންނަ ހަފުތާގައި ބަންދުކުރަން ނިންމީ، ސަރަހައްދީ ރޮނގު ހުރަސްކޮށް ގަވައިދާ ޚިލާފަށް އެމެރިކާއަށް ވަންނަ މީހުން ހުއްޓުވުމުގައި މެކްސިކޯ ނާކާމިޔާބުވުމުގެ ސަބަބުން ކަމަށް ޓްރަމްޕްވަނީ ވިދާޅުވެފައެވެ.

މިއާއެކު ޓްރަމްޕްވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް މެކްސިކޯގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުމުގެ ފުރްސަތުވެސް ނުދެއްވާނެކަމުގެ އިންޒާރު ދެއްވާފައެވެ.