ސިޔާސީ

ފުލުހުންގެ ޚިދުމަތަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހަމަހަމަކަމާއެކު ދެވޭ ޚިދުމަތަކަށް ހަދާނަން- ހޯމް މިނިސްޓަރ


ފުލުހުންގެ ޚިދުމަތަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހަމަހަމަކަމާއެކު ރައްޔިތުންނާއި ގާތުން ފޯރުކޮށްދޭ ޚިދުމަތަކަށް ހައްދަވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 86 އަހަރުފުރުން ފާހަގަކުރުމަށް ޞޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަރަށް ގިނަ ޤާނޫނީ ޒިންމާ ތަކަކާއި ގިނަ މަސްއޫލިއްޔަތުތަކާއި ގޮންޖެހުން ބޮޑު މަސްއޫލިއްޔަތެއްކަމަށެވެ. އަދި ދިވެހި ފުލުހުންނަކީ ޤާނޫނީ ޒިންމާ އަދާކުރުމުގައި ދެމިތިބުމަށް ގިނަ ދަތިތަކާއެކުވެސް ސާބިތުކަން ދައްކަމުން ގެންދާ ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ފުލުހުންނަށް ހިތްވަރުދެއްވާފައެވެ.

ދިވެހިންގެ އަބުރާއި އިއްޒަތް ސަލާމަތްކޮށް ޝަރަފް ހިމާޔަތްކުރުމަކީ ފުލުހުންގެ ޒިންމާއެއްކަމަށާއި، ޤާނޫނުގެ ކުރިމަތީ ހަމަހަމަކަން ޤާއިމްކުރުމަކީވެސް ފުލުހުން އަދާކުރާ ބޮޑު ޒިންމާއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ހައްޤަށް އަރައިގަންނަ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ރައްޔިތުންގެ ފުރާނައަށް ގެއްލުންދޭ ކޮންމެ މީހަކު ހުއްޓުވުމަކީ ފުލުހުން އަދާކުރާ މުހިންމު މަސްއޫލިއްޔަތެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ މުހިންމު ސިފަ ހުރިހާ ފުލުހުންގެ ކިބައިގައި އަށަގަންނަވަން ޖެހޭ ކަމަށެވެ. އަދި އަމިއްލަ މަސްލަހަތާއި އަމިއްލަ އެދުމުން ދުރުވެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް މިނިސްޓަރ ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި އަދުލުއިންސާފް ޤާއިމްކޮށް ޤާނުނުތަކަށް ތަބާވެ ރިވެތި ނަމޫނާ ދެއްކުމަކީ ކޮންމެހެން ބޭނުންވާ ސިފައެއްކަމަށާއި، ފުލުހުންގެ އަމާނާތާއި ވާޖިބު އަދާކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ލޯތްބާއެކު ކުރިއަށްދާނެ ބަޔަކަށް ފުލުހުންގެ މުއައްސަސާ ހަދަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާއިތުވި ދުވަސްތަކުގައި ފުލުހުންނަށް ފޯރުވާފައިވާ ނުފޫޒުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ނުފޫޒުތަކުން އަރައިގަތުމަށް ފުލުހުންނާއި ސަރުކާރާއި ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާ، މި ސަރުކާރުން ފުލުހުންނަކީ ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ހަދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ސިޔާސަތުގެ ތެރެއިން އަތޮޅުތެރޭގެ ރައްޔިތުންނަށް ހަމަހަމަކަމާއި ގާތްކަމާއެކު ޚިދުމަތްދޭނެ ނިޒާމެއް ފެނިގެންދާނެ. މި ޕްލޭން ތަންފިޒްކުރެވިގެންދާއިރު މިނިސްޓްރީއާއި ފުލުހުންގެ މުއައްސަސާ ގުޅިގެން ގާތުން އިރާދަކުރެއްވިއްޔާ މިކަންކަން ބެލިގެންދާނެ." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، މުޖުތަމަޢުގައި ހަމަނުޖެހުން އުފެދޭ ކޮންމެ ވަގުތެއްގައި އެކަމުގެ ހައްލަކީ ފުލުހުންކަމަށެވެ. އަދި ފުރާނައަށް ނުރައްކާވާ ދަނޑިވަޅުތަކުގައިވެސް ފަހަތައް ނުޖެހި ސާބިތުކަމާއެކު ފުލުހުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފުލުހުންގެ އިނާޔަތާއި ވެލްފެޔާގެ ކަންކަމަށް ރަނގަޅު އުސޫލްތަކެއް ކަނޑައަޅުއްވަމުން ގެންދަވާކަމަށްވެސް ވިދާޅުވެފައެވެ.

"ފުލުހުންގެ މި މުހިންމު މުއައްސަސާއަކީ ތިޔަބޭފުޅުންގެ މުއައްސަސާއެއް. މި މުއައްސަސާއަށް ލިބޭ ކޮންމެ ރީތި ނަމާއި ޝަރަފާ އިއްޒަތަކީ ދިވެހިރައްޔިތުންނަށް ލިބޭ ޗަރަފަކާ އިއްޒަތެއް. އަދި ލިބޭ ކޮންމެ ނިކަމެތިކަމަކާ ބަލިކަށިކަމަކީ ދިވެހިރައްޔިތުންނަށް ލިބޭ ބަލިކަށިކަމަކާ ނިކަމެތިކަމެއް." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ޢާންމުންގެ ޚިޔާލާ އެއްގޮތަށް ފުލުހުންގެ މުއައްސަސާ ބައްޓަންކުރުުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލިއިރު ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤާއިމްކުރުމަށް އަދިވެސް ވަރަށް ގިނަ ކަންކަން ކަށަވަރުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ ރައްކާތެރިކަމާއި މުއައްސަސާތައް ގުޅިގެން ހަރުދަނާ އަދި ނަތީޖާ ނެރެވޭފަދަ މަސައްކަތްކުރާފަދަ ސަޤާފަތެއް އަދި ރަނގަޅު އިންތިޒާމްތަކެއް މިއަދުވެސް އެންމެ ފުރިހަމައަށް ނެތްކަން ފާހަގަކުރަން. މިކަން މިހެން ހުރުުމުން މިއަދުގެ ހާލަތަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުރުން."

މި ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ޚިދުމަތުގައި ފަންސަވީހަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ރީތި ނަން ހޯދައިދީފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާދެއްވާފައިވާއިރު، އެ މުއައްސަސާއަށް ފާއިތުވި އަހަރު އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާވެސް ވަނީ ދެއްވާފައެވެ.