ޚަބަރު

ގައިޑުންނަކީ ދަސްވާ ހުނަރުތައް ދިރިއުޅުމުގެ މައިދާނުގައި ބޭނުންކުރާ ބަޔަކަށް ވާންޖެހޭ- ރައީސްގެ އަނބިކަނބަލުން


ކޮންމެ ގައިޑަކީވެސް ބެޖެއް ހޯދުމުގެ ބަދަލުގައި، ދަސްވާ ހުނަރުތައް ދިރިއުޅުމުގެ މައިދާނުގައި ބޭނުންކުރާ ކުއްޖަކަށް ވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހެން ވިދާޅުވީ މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ 2018ވަނަ އަހަރުގެ، އަހަރީ އާއްމު ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، އަންހެންނުނަނާއި އަންހެން ކުދިންގެ އެންމެ ބޮޑު ޖަމްޢިއްޔާ، މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުން، ހުނަރުވެރި އަންހެން ދަރިން ބިނާކުރުމަށް ކުރާ މަސައްކަތަކީ އެކަމަނާ ވަރަށް ބޮޑަށް ބަލައިގަންނަ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. އަދި ގައިޑަށް ދިގު މުއްދަތެއްވަންދެން ޚިދުމަތް ކޮށްފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ތިބި ގައިޑުންނަކީ ނަމޫނާއަކަށް ބަލައި، އެފަދަ މީހަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރުމަށް ރައީސްގެ އަނބިކަނބަލުންވަނީ އެދިލައްވާފައެވެ.

އެކަމަނާ ވިދާޅުވީ ގައިޑު ޙަރަކާތުގެ ތެރެއިން ކުދިން އުނގެނޭ ކަންކަން ދިރިއުޅުމުގެ މާޙައުލުގައި ބޭނުންކުރުމަށް ކޮންމެ ކުއްޖަކުވެސް އިސްކަންދޭންޖެހޭކަމަށެވެ. އެކަމަނާވަނީ ގަރލް ގައިޑް އެސޯސިއޭޝަނަށް މިހާރު ދިމާވެފައިވާ، އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ކޭމްޕް ސައިޓެއް ނެތުމުގެ، ދަތިކަން ވަރަށް އަވަހަށް ޚައްލުވެެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙަމަދު ޗީފް ގައިޑުގެ މަޤާމުގައި ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ހައިސިއްޔަތުންނެވެ.

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގައި، 2018ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭ ރިޕޯޓާއި، މާލީ ބަޔާންވެސް ހުށައަޅާފައިވެއެވެ.

އަހަރީ ރިޕޯޓް ހުށައަޅުވައިދެއްވައި ވާހަަކަދައްކަވަމުން ގަރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ނިއުމަތު ޝަފީޤް ވިދާޅުވީ އަންހެން ކުދިން ބިނާކުރުމަށް 2018ވަނަ އަހަރު ގިނަ މަސައްކަތްތަކެއް އެ ޖަމްޢިއްޔާއިން ކޮށްފައިވާކަމަށެވެ. އެގޮތުން އެކި ކޭމްޕްތައް ބާއްވައި ކުދިންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމާއި، އިޖްތިމާއީ ކަންކަމުގައި ގައިޑުންގެ އެހީތެރިކަން ދިނުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް މަސައްކަތް ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނިއުމަތު ވީދާޅުވީ ނުވަ ހާހަށްވުރެ ގިނަ ކުދިންނާއެކު އެ ޖަމްޢިއްޔާ ހިންގަމުންދާއިރު، ގިނަ ގޮންޖެހުންތައް އެބަހުރިކަމަށެވެ.

" ކޭމްޕް ސައިޓެއް ނެތުމުގެ ދަތިކަން އެންމެ ބޮޑީ. ކުދިންގެ އަދަދު ވަރަށް ގިނަ. އެކަމަކު 200އެއްހާ ކުދިންނަށް ކޭމްޕްގެ ޖާގަ ގިނަފަހަރަށް މިލިބެނީ" ނިއުމަތް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގައިޑްގެ ޗީފް ކޮމިޝަނަރކަން ކުރައްވާފައިވާ 4 ފަރަތަކަށް އޮނަރަރީ އެވޯޑާއި، ގަރލްގައިޑްގެ ރީޖަނަލް އެވޯޑްސް ހާސިލްކުރި ފަރާތްތަކަށާއި، ދިގު މުއްދަތަށް ޚިދުމަތްކުރި ފަރާތްތަކަށާއި، އަދި އެކި ގޮތްގޮތުން އެހީތެރިވެދޭ ފަރާތްތައް ފާހަގަކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ.

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަންހެނުންގެ ޖަމްޢިއްޔާއެވެ. މި ޖަމިއްޔާގައި 10،000އަށްވުރެ ގިނަ މެންބަރުން އުޅެއެވެ. ރާއްޖޭގައި ގައިޑް ޙަރަކާތް ފެށުނުތާ ވަނީ 71 އަހަރު ވެފައެވެ.