ޚަބަރު

ތިނަދޫގައި 120 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ހެދުމަށް ނިންމާފައިވާ ސަތޭކަ ވިހި ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފިއެވެ.ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުން ހުޅުމާލެއާއި ދެކުނުގެ ހަތް ރަށެއްގައި ގާއިމްކުރާ 1500 ހައުސިންގ ޔުނިޓްގެ ތެރެއިން ތިނަދޫގައި ގާއިމްކުރާ 120 ހައުސިންގ ޔުނިޓްގެ ބިންގާ އަޅުއްވާދެއްވީ އިއްޔެ ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ވަންގފޫކާންގއެވެ.ތިނަދޫގައި ހެދުމަށް ނިންމާފައިވާ ސަތޭކަ ވިހި ހައުސިންގ ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ތިނަދޫގައި ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށާއި، ތިނަދޫގައި ހަދާ ހައުސިންގ ޔުނިޓްތަށް، ދޫކުރާނެ އުސޫލުތަކާއި ގުޅޭގޮތުން ތިނަދޫ ކައުންސިލާ އެކު މަޝްވަރާކުރައްވާނެކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުނަވާ ސަފީރު، މިސްޓަރ ވަންގ ފޫކާންގް ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ޗައިނާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިޔަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން  ފުލެޓްތަކުގެ މަސައްކަތަކީވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ.ހައުސިންގ މިނިސްޓަރުގެ އިތުރުން ފިނެންސް މިނިސްޓަރ އަބްދުﷲ ޖިހާދާއި ހެލްތް މިނިސްޓަރ އަހްމަދު ޒުހޫރުވެސްވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. މި ދެވަޒީރުންގެ ވާހަކަފުޅުގައިވެސް ހުރިހާ ރައްޔިތުންނާއި، ކައުސިލް މެންބަރުން ގުޅިގެން ތިނަދޫގައި ފަށާފައިވާ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިޔަށްގެންދިޔުމުގައި އެހީތެރިވެ އެއްބާރުލުންދެއްވުމަށް ގޮވާލެއްވިއެވެ.އެގޮތުން ފިނޭންސް މިނިސްޓަރ ޖިހާދުވަނީ ތިނަދޫގައި ފަތާ ފެންގަޑެއްގެ އިތުރުން ސްޕޯޓްސް އެރީނާއެއް ގާއިމްކުރުމަށް މަސަކަތް ކުރެވެމުންދާކަން ފާހަގަކޮށްފައެވެ. އަދި ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު، އަމާޒަކީ ކުރިޔަށް އޮތްތަނުގައި ތިނަދޫ އަކީ ދެކުނުގެ ސިޓީއަކަށް ހެދުންކަމަށްވެސް މިނިސްޓަރ ޖިހާދު ވިދާޅުވިއެވެ.ތިނަދޫ ކައުންސިލްގެ ނައިބްރައީސް އިބްރާހީމް އައްސަދު ވިދާޅުވީ، ތިނަދޫގައި ކުނި މެނޭޖް ކުރުމާއި، ރަށުގެ ބައެއް ސަރަހައްދުތަށް ގިރުމުގެ މައްސަލަތައް އެބަހުރިކަމަށާއި، މިފަދަކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި ވުޒާރާތަކަށް އެއްބާރުލުންދީގެން އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާނެކަމަށެވެ.ތިނަދޫގައި ހެދުމަށް ނިންމާފައިވާ ހައުސިން ޔުނިޓްތަކަކީ ހަތަރު ފަންގިފިލާގެ ފްލެޓް އިމާރާތްތަކެއްގެ ގޮތުގައި ތިނަދޫގެ އުތުރު ފަރާތު ހިއްކި ސަރަހައްދުގައި ގާއިމްކުރާ ހައުސިން ޔުނިޓްތަކެކެވެ.ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ދޮޅުއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ.