ވިޔަފާރި

އައްޑޫ ސިޓީގައި ތަރައްޤީކުރާ ސައުތް ޕާމް ރިސޯޓް މޯލްޑިވްސް އަންނަ ޖޫން މަހު ހުޅުވަނީ


ސައުތް ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އައްޑޫ ސިޓީގައި ތަރައްޤީކުރާ ސައުތް ޕާމް ރިސޯޓު މޯލްޑިވްސް އަންނަ ޖޫން މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

އައްޑު އަތޮޅު އިސްމެހެލާ ހެރާގައި ތަރައްޤީކުރާ ސައުތް ޕާމް ރިސޯޓަކީ 240 ވިލާއާއެކު ތަރައްޤީކުރާ ރިސޯޓެކެވެ. އޭގެތެރޭގައި 110 ވޯޓަރ ވިލާއާއި 30 އޯޝަން ވިލާއާއި ވަކި 70 ކޮޓަރި ހިމެނޭއިރު މީގެ ތެރެއިން 130 ވިލާއަކީ ރިސޯޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ ވިލާތަކެވެ. އަދި ބާކީ 110 ވިލާއަކީ ރިސޯޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރެވިގެންދާނެ ވިލާތަކެކެވެ.

މި ރިސޯޓާއެކު އިސްމެހެލާ ހެރައާ ކައިރީގައި އޮންނަ ކެޑެވާހެރައާއި މި ރިސޯޓާއި ބްރިޖަކުން ގުޅާލައި ދެރަށުގައި ވެސް މޫދުކޮޓަރި ތަރައްޤީކުރެވިގެންދާނެކަމަށް ރިސޯޓު ހިންގާ ސައުތް ޕާމް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

ސައުތް ޕާމް ރިސޯޓު އަންނަ ޖޫން މަހު ހުޅުވުމަށް ތައްޔާރުވެފައިވާއިރު މި ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްޓަކައި ސައުތް ޕާމް ރިސޯޓުން ވަނީ އޯޕެން ޑޭ ހަރަކާތެއް ފަށާފައެވެ.

މި ހަރަކާތް މި މަހުގެ 29، 30 މި ދެދުވަހު އައްޑު އަތޮޅު ހުޅުމީދޫ އަދި ހިތަދޫގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން ވެސް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އޯޕެން ޑޭގެ ހަރަކާތްތައް ބޭއްވުމަށް އެރިސޯޓުން ދަނީ ތައްޔާރުވަމުންނެވެ.

ރިސޯޓަށް ގާތްގަނޑަކަށް 700 މުވައްޒަފުން ނެގުމަށް ރިސޯޓުގެ މެނޭޖްމެންޓުން އަމާޒު ހިފާފައިވާއިރު މި ވަޒީފާތަކުގެ ތެރޭގައި ހިއުމަން ރިސޯސް ދާއިރާއާއި، ފައިނޭންސް، ފްރޮންޓް އޮފީސް، ސޭލްސް އެންޑް މާކެޓިންގ، އިންޖީނިއަރިންގ، ކަލިނަރީ، ވޯޓަރ ސްޕޯޓްސް އަދި ޓްރާންސްޕޯޓުގެ ދާއިރާއާއި ގުޅޭ ގިނަ ފުރުސަތުތައް އެބަހުއްޓެވެ.

ސައުތް ޕާމް މޯލްޑިވްސް ރިސޯޓު ތަރައްޤީކުރަން ފެށީ 2017 ވަނަ އަހަރުއެވެ. މި ރިސޯޓާއެކު އައްޑޫގައި ހިންގާ ރިސޯޓުތަކުގެ އަދަދު 4 އަށް އަރާނެއެވެ.

އައްޑުގައި މި ވަގުތު ހިންގަނީ ވިލިނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓާއި ހެރަތެރޭގައި ހިންގާ ކޭނަރީފް މޯލްޑިވްސް އަދި ގަމުގައި ހިންގާ އީކުއޭޓާ ވިލެޖް މި ތިން ރިސޯޓެވެ.