ސިޔާސީ

ޝަރުޢީ ދާއިރާއަށް ބަންޑާރަ ނާއިބު ގެންގުޅުއްވާ ތަޞައްވަރު!


ރާއްޖޭގެ ޝަރުޢީ ނިޒާމަކީ އަބަދުވެސް އެތައް ބައެއްގެ ފާޑުކިއުންތައް އަމާޒުވާ ދާއިރާއެކެވެ. މި ދާއިރާ އިޞްލާޙު ކޮށްގެން ނޫނީ ޤައުމުގެ މިޞްރާބު ރަނގަޅު ނުވާނެ ކަމަށް އެތައް ބަޔަކު ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާހު ކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިޞްލާހު ކޮށްގެންނެވެ. ކޮންމެއަކަސް ދަޢުލަތުގެ ބަންޑާރަ ނާއިބުވެސް މިވަނީ ޝަރުޢޫ ދާއިރާއާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ރައްޔިތުންނާއި ޙިއްޞާ ކުރައްވާފައެވެ.

ބަންޑާރަ ނާއިބުގެ ޓްވީޓަރ އެކައުންޓުން މިއަދު ހެނދުނު ކުރެއްވި ޓްވީޓުގައި ހޭޝްޓެގެއްގެ ވެސް ވަނީ ބޭނުން ކުރައްވާފައެވެ. އެއީ "ރިފޯމް ޖުޑީޝަރީ އެމްވީ" އެވެ. ޝަރުޢީ ދާއިރާއާ މެދު ބަންޑާރަ ނާއިބު ރިފްޢަތު ގެންގުޅުއްވާ ތަޞައްވަރުތަކުގެ ތެރޭގައި ހަ ކަމެއް ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ޝަރުއީ ދާއިރާ، ޤާނޫނާއި ޤަވާއިދުގެ ތެރެއިން މަސައްކަތް ކުރާ ކޮރަޕްޝަނުގެ ވަބާއިން އެއްކިބާވެފައިވާ އިތުބާރު ހުރި ތަނަކަށް ވާނެ ދުވަހަކީ އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެކެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ޝަރުއީ ދާއިރާއަކީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އިހްތިރާމްކޮށްގެން މަސައްކަތް ކުރާ ދާއިރާއަކަށް ވާނެ ދުވަހަކީވެސް އެމަނިކުފާނު ޝަރުޢީ ދާއިރާއާ މެދު ގެންގުޅުއްވާ ތަޞައްވަރެކެވެ.

ބަންޑާރަ ނާއިބު ރިފްޢަތު ކުރެއްވި ޓްވީޓު:

ފަނޑިޔާރުގެ ބެންޗުން ވީހާވެސް ގިނަ އަންހެން ބޭފުޅުން ފެންނާނެ ދުވަހަކީވެސް އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެކެވެ. އަދި ހަމައެހެންމެ ޝަރުއީ ދާއިރާގެ މަސައްކަތްތަކުގައި މިހާރަށްވުރެވެސް ގިނައިން އަންހެން ބޭފުޅުން ހަރަކާތްތެރިވުމަކީ އެމަނިކުފާނު ކުރައްވާ އުއްމީދެކެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަކީ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރާ ތަންތަނަށް ހެދުމަކީ ގިނަ ފަރާތްތަކަކުން އެކަމަކަށް އަބަދުވެސް ގޮވާލަމުންދާ ކަމެކެވެ. ބަންޑާރަ ނާއިބު ވެސް ވަނީ ކޯޓްތަކުން ކުރާ މަސައްކަތްތައް ވީހާވެސް ބޮޑަށް ހުޅުވާލެވިގެން ދެފުއް ފެންނާނެހެން އިންސާފާ ހަމަހަމަކަންމަތީ ކުރިއަށްދާތަން ފެނުމަކީ ޝަރުޢީ ދާއިރާއާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރެއް ކަމަށް ހާމަކުރައްވާފައެވެ.

މިފަދަ ގޮތަކަށް އެމަނިކުފާނު ވާހަކަދެއްކެވި ސަބަބެއް ނޭނގެއެވެ. ނަމަވެސް ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި ކަންކަން އިޞްލާޙު ކުރުމަށް ގިނަ ފަރާތްތަކަކުން އަބަދުވެސް އަންނަނީ ގޮވާލަމުންނެވެ. އަދި ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަކީ ރައީސް ޞާލިޙު ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެންމެ ގިނައިން ރައްޔިތުން ގާތު ވެވަޑައިގެންނެވި އެއް ވަޢުދުވެސްމެއެވެ.

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ޝަރުއީ ދާއިރާއަށް ކުރައްވާ އުއްމީދުތައް ވިދާޅުވެފައިވާއިރު މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވަޢުދު ތަކުގެ ތެރެއިން އޭޖީ އޮފީހަށް ކަނޑައަޅާފައިވާ 12 ވަޢުދުގެ ތެރެއިން އެގާރަ ވަޢުދު ފުރިހަމަކޮށް 21 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.