ސިޔާސީ

ސޮވަރިން ފަންޑުގެ ޤާނޫނު ވަރަށް އަވަހަށް މަޖިލީހަށް ވައްދާނަން - މިނިސްޓަރު އަމީރު


ސަރުކާރުން ބިޔަ މަޝްރޫއުތައް ހިންގުމަށް މިހާރު ނަގަމުން އަންނަ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ، "ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް" ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ޤާނޫނު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް މަޖިލީހަށް އެ ބިލު ވައްދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން 2016 ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް މިހާރު އަންނަނީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ޖަމާކުރަމުންނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގަން ފެށި އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ އާމްދަނީ އާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ހިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީ އެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތު ގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ. މިފަދަ ރިޒާވް ފަންޑެއް އުފެއްދުމަށް ރާއްޖޭގެ ގާނޫނުއަސާސީން ވެސް ސަރުކާރަށް ވަނީ ލާޒިމްކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ޤާނޫނުގައި އެކަން ހިމެނުމަށް މަރުކަޒީ ބޭންކް އެމްއެމްއޭއާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެއާއެކު މަޖިލީހަށް ހުށަހެޅި މަޖިލީހުގެ ތެރެއިން އެކަމަށް ގާނޫނެއް ހެދިގެންދާނެ ކަމަށެވެ.

"އެމްއެމްއޭއިން ވަރަށް ރަނގަޅަށް ކުރެވެމުން ގެންދޭ. އެކަން ރަނގަޅު ގޮތުގައި ރައްކާތެރިކަމާއެކު ކުރުމަށް އަޅުގަނޑުމެން އެބަޖެހޭ ރަނގަޅު ގާނޫނީ ފްރޭމް ވޯކެއް ގެންނަން. އެ މަސައްކަތް މިހާރު އެބަކުރަން. ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅި ބަހުސްކުރެވި ފާސްވެގެންދާނެ." އަމީރު ވިދާޅުވިއެވެ.

ސޮވަރިންގ ފަންޑާއި ގުޅޭ ޤާނޫނެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވާއިރު މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި ގުޅޭގޮތުން ބަޖެޓު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރ އަޙްމަދު ނަޞީރު ވިދާޅުވީ ސޮވެރިން ޑިވްލޮޕްމަންޓް ފަންޑު ރައްކާތެރި ކުރަން ގާނޫނެއް ވަރަށް މުހިންމު ކަމަށެވެ. އެދުވަހުގެ ބައްދަލުވުމުގައި ގަވަރުނަރ ވިދާޅުވީ އެ ފަންޑުގައި 100 މިލިއަނަށްވުރެ ގިނަ ޑޮލަރު މިހާރުވެސް އެބަހުރި ކަމަށެވެ. މިހާރު މި ފައިސާ ޖަމާކުރަނީ އެމްއެމްއޭގައި ކަސްޓޯޑިއަން އެކައުންޓަކަށެވެ.