ސިޔާސީ

އޮޑިޓު ރިޕޯޓުތަކުގައި ބުނެފައިވާ ކަންކަން ކުރާނަން - ފިނޭންސް މިނިސްޓަރ


އޮޑިޓް ރިޕޯޓެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ލަފާ ދީފިނަމަ ނުވަތަ އަންގައިފިނަމަ އެގޮތަކަށް އެކަން ކުރައްވަވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އޯޑިޓް އޮފީހުގެ ސްޓޭކް ހޯޅްޑަރ ފޯރަމް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކަންކަން ކުރުމުގައި ވަކި މީހަކަށް މޫނަކަށް ބެލުމެއް ނުގެންގުޅުއްވާނެ ކަމަށެވެ. އަދި މި ސަރުކާރަކީ ދެފުއްފެންނަ، ދެފުއް ފެންނާނެ ސަރުކާރެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު މިނިސްޓަރ ވަނީ އޮޑިޓް އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ނާމާ ނެރެދެއްވާފައެވެ. މިފޮތަކީ އެ އޮފީހުގެ މަސައްކަތްތައް ބަދަލުވަމުންއައި ގޮތާއި އޮޑިޓް އޮފީހުގެ ތާރީޙު ހިމެނޭ ފޮތެކެވެ.

މި ރަސްމިއްޔާތުގައި ވާޙަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވިދާޅުވީ ރޭ ފެށިގެން ދިޔައީ އޮޑީޓް އޮފީހުން ކުރާ މަސައްކަތް ރައްޔިތުންނާއި ގާތުން ހިއްސާ ކުރުމުގެ މަސައްކަތެއް ކަމަށެވެ. އަދި ރޭ ނެރެވިގެންދިޔަ އޮޑިޓް ނާމާ ކޮންމެ އަހަރަކު ނެރެމުން ގެންދާނެ ކަމަށްވެސް ޒިޔާތު ވިދާޅުވިއެވެ.

ރޭ ކުރިއަށްގެންދިޔަ ބައްދަލުވުމާއި އެކު އޮޑިޓް އޮފީހަށް 70 އަހަރުވުންވެސް ވަނީ ފާހަގަކުރައްވާފައެވެ.