ރިޕޯޓް

ޓީވީއެމްއަށް 41 އަހަރު - ޤައުމީ ޚިދުމަތުގައި އަދިވެސް ކުރިއަށް


ރާއްޖޭގެ ޤައުމީ ޓީވީގެ ހައިސިއްޔަތުން ފާއިތުވި 41 އަހަަރުގެ ތެރޭގައި ޓެލެވިޜަން މޯލްޑިވްސް، ޓީވީއެމުން ވަނީ އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދީފަައެވެ.

ވަރަށްވެސް އާދައިގެ ގޮތަކަށް ފެށިގެންއައި ރާއްޖޭގެ ފުރަތަމަ ޓީވީ ޗެނަލް އުފަންވުން މިއީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ވަކިން ޙާއްސަކޮށް ޙަބަރާއި މަޢުލޫމާތު ފެތުރުމުގައި ރާއްޖެއަށް ގެނުވި އެންމެ ބޮޑު އިންޤިލާބެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް ދޭން ފަށާފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުގެރޭ 9 ޖެހިއިރު ވަރަށް އާދައިގެ ގޮތެއްގައެވެ. އިންސާނީ ވަޞީލަތް މަދުވެފައި، ފަންނީ ޤާބިލުކަމާއި ފުދުންތެރިކަން ކުޑަވުމުގެ ސަބަބުން، ދިމާވި އެތަކެއް ގޮންޖެހުމަކާއެކުވެސް، މާލެއާއި މާލެ ކައިރީގެ 30 ކިލޯމީޓަރ ރޭޑިއަސްގެ ސަރަޙައްދަކަށް ދޭންފެށި ޚިދުމަތް ވެގެންދިޔައީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް އައި އިންޤިލާބުގެ ފެށުން ކަމުގައެވެ. މިއަދު ރާއްޖޭގެ މުޅި އާބާދީއަށް މިދަނީ ޓީވީއެމްގެ ޚިދުމަތް ލިބެމުންނެވެ.

ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތަށް މިއަހަރު 41 އަހަރު ފުރުނުއިރު، ރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓީވީ މޯލްޑިވްސް އުފައްދާފައިވަނީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ އިސްނެންގެވުމުގެ މަތިންނެވެ. ޓީވީގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުން ވެގެންދިޔައީ ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ދާއިރާއަށްވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމަކަށެވެ.

ރާއްޖޭގެ ފުރަތަމަ ޓީވީ ސްޓޭޝަން ފެށިގެން އައީ ވަރަށްވެސް އާދައިގެ ގޮތެއްގައެވެ. މި ޚިދުމަތް ދޭން ފެށީ އެންމެ 8 މުވައްޒަފުންނާއެކުގައެވެ. އޭރު ޚިދުމަތްދެމުން ގެންދިޔައިރު ޓީވީއެމްގައި ހުރީ އެންމެ ކޮންޓްރޯލް ރޫމަކާއި ސްޓޫޑިއޯއެކެވެ. ސްޓޫޑިއޯގައި ހުރީ އެންމެ 9 ލައިޓާއި 2 ކެމެރާއެވެ. ވަގުތުން އިވެންޓްތައް ގެނެސްދެވޭ ޓެކްނޮލޮޖީއާއި ވަސީލަތްތަކެއް އޭރު ޓީވީއެމްގައި ނުހުރެއެވެ. ޓީވީއެމުން އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކޮށްފައިވަނީ އޭރުގެ ރައީސް އިބްރާހީމް ނާޞިރުގެ ފޮޓޯފުޅެކެވެ. ސަރަޙައްދީ ޤައުމުތަކުގެ ގިނަ ޓީވީ ޗެނަލްތަކުން އޭރު ޚިދުމަތް ދެމުންގެންދިޔައީ ކަޅާ ހުދުން ނަމަވެސް ޓީވީ މޯލްޑިވްސްގެ ޚިދުމަތް އެންމެ ފުރަތަމަވެސް ދޭން ފެށީ ކުލަކޮށެވެ.

ދުވަސްތައް މާޒީވެ، މިއަދު ޓީވީއެމުން މިދަނީ ޓެކްނޮލިޖީގެ ގޮތުން އެތައް ހަރުފަތެއް ގިރާކޮށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރަމުންނެވެ. ބޭނުންކުރާ ސާމާނުގެ ގޮތުންނާއި، ޚިދުމަތް ދެވޭ މިންވަރާއި ފެންވަރުގެ ގޮތުންނާއި، އަދި މިނޫންވެސް އެތައް ގޮތަކުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ޙާޞިލުކޮށްފައެވެ. ޓީވީއެމްގެ ޚިދުމަތް މުޅި ރާއްޖޭގެ އިތުރުން ސަރަޙައްދީ ޤައުމުތަކަށް ފުޅާވެގެންދިޔައީ 1990 ގައި ރާއްޖޭގައި ބޭއްވި ސާކް ސަމިޓްގެ ކަވަރޭޖާއެކުގައެވެ. އެއާއެކު ރާއްޖޭގައި ހިނގާ މުހިންމު އެކި ކަންކަމާ ގުޅޭމަޢުލޫމާތު ޓީވީއެމް މެދުވެރިކޮށް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަގުތުން ޓެލެކާސްޓް ކުރަންފެށުނެވެ.

ޓީވީ މޯލްޑިވްސްގެ ޚިދުމަތަށް ބައި ޤަރުނުވާން ދާއިރު، ޓީވީއެމްގެ ޚިދުމަތް މިއަދު ދެމުންމިދަނީ ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ބްރޯޑްކާސްޓަރުން ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އަދި ޚިދުމަތް ފެށުނުއިރާ އަޅާބަލާއިރު، ޓީވީއެމްގެ ކޮންޓެންޓްވެސް ވަނީ އެތައް ގުނައެއް ފެންވަރު ރަނގަޅުވެ ކުރިއަރާފައެވެ. މިއަދު ޓީވީއެމް ބްރޯޑްކާސްޓް ކުރުމުގެ ފެންވަރު މަތިކޮށް މިހާރު ދަނީ އެޗްޑީކޮށްވެސް ބްރޯޑްކާސްޓް ކުރަމުންނެވެ.

ޓީވީއެމްގެ ސާޅީހަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އާއްމުންނާއި ހަމައަށް ގެނެސްދިން ޕްރޮގްރާމްތަކަކީ އަދިވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ޕްރޮގްރާމްތަކެކެވެ. ހޭޔަންބޯ، ފިލްމީ އުދަރެސް، ރަހަތަފާތު، ހެނދުނު ހެނދުނާ ފަދަ ޕްރޮގްރާމްތަކަކީ އަދިވެސް ދިވެހިންގެ މެދުގައި މަޤްބޫލު ޕްރޮގްރާމްތަކެކެވެ. ވަކިން ޙާއްސަކޮށް ކޮންމެ ރަމަޟާންމަހެއްގައި ގެނެސްދޭ "މުޙައްމަދު ރަސޫލުﷲ" ސީރީސްއަކީ ގިނަ ބައެއްގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ސީރީސްއެކެވެ. މިއީ އަރަބި ސީރީސްއެއް ދިވެހި ބަހަށް ތަރުޖަމާކޮށް ޑަބްކޮށްގެން ގެނެސްދޭ މިފަދަ އެންމެ ބުރަ އެއް މަސައްކަތަކެވެ.

ޒަމާނީ ވިސްނުންތަކާއެކު އެކި އުމުރުފުރާގެ މީހުން ގަޔާވާނެފަދަ އެތައް ޕްރޮގްރާމްތަކަކާއި ވެރައިޓީ ޝޯވތަކެއް މިވީ ދުވަސްތަކުގެ ތެރޭގައި ޓީވީއެމުން އާއްމުންނާއި ހަމައަށްގެނެސްދީފައިވެއެވެ. ސްކޫލްކުދިންގެ ލަވަ މުބާރާތާއި، އޮފީސްތަކުގެ ޓެލެޓްރާމާ މުބާރާތް އަދި ތުއްތުކުދިންގެ ގުރުޢާން ކިޔެވުމުގެ މުބާރާތްފަދަ މުބާރާތްތަކާއެކު، ފަންނީގޮތުންނާއި ޢިލްމީގޮތުން ކުރިއަށްދާން ބޭނުންވެފައިވާ އެތައް ޒުވާނުންނަކަށް އެމީހުންގެ ކުރިމަގު ބައްޓަން ކުރެވޭނެ މަގު ޓީވީއެމުން ވަނީ ކޮށައިދީފައެވެ. އަރަމުން އަންނަ ތަރިން ފަންނުގެ މާހިރުންނާއި ވަނީ ގުޅުވައިދީފައެވެ.

ޤައުމީ ޓީވީގެ ގޮތުގައި ޤައުމަށް ދިމާވާ ބޮޑެތި ކާރިސާތަކާއި، ފާހަގަކުރާ ތަފާތު މުނާސަބަތުތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރޮގްރާމްތަކާއި، ލައިވް ކަވަރޭޖްތައް ގެނެސްދިނުމުގައި ޓީވީއެމްގެ ހީވާގި ޓީމުން މަސައްކަތް ކުރަމުންދަނީ އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ. މިފަދަ އެތައް ކަވަރޭޖަކާއެކު ޓީވީއެމްގެ ލައިބްރަރީވެފައިވަނީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މުއްސަނދި އާކައިވަށެވެ. ދަޢުލަތުގެ މީޑިއާގެ ހައިސިއްޔަތުން ޕީ.އެސް.އެމްގެ ކުޑައިގެ ދަށުން ޓީވީއެމުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، ރާއްޖޭގެ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ކާމިޔާބު 3 ސީޒަން ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވެއެވެ.

މީގެ އިތުރުން ކީރިތި ޤުރުޢާން ކިޔެވުމަށް ޒުވާނުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަޤްޞަދުގައި "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި"ގެ ނަމުގައި 2013 ވަނަ އަހަރުން ފެށިގެން ޙާއްސަަ މުބާރާތެއް ގެނެސްދެމުންދާއިރު، ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން ކިޔެވުމުގެ މުބާރާތް "އައްނޫރުލް މުބީން"ވެސް އާއްމުންނާއި ހަމައަށް ގެނެސްދީފައިވަނީ ޓީވީއެމުންނެވެ.

ޒަމާނީ އޮއިވަރާއި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މިހާރު އޮތް ވާދަވެރިކަމުގެ ތެރެއިންވެސް ވަސީލަތްތައް ތަންދިން މިންވަރުން، ބެލުންތެރިން ގަޔާވާނެފަދަ އުފެއްދުންތަކެއް ގެނެސްދިނުމަށް ޓީވީއެމްގެ ޓީމް އޮތީ ތައްޔާރަށެވެ. ހުރި ގޮންޖެހުންތަކާއެކުވެސް ޤައުމަށް ޚިދުމަތް ކުރުމައިގެން ކުރިއަށްދާންތިބީ އަތުކުރި އޮޅާލައިގެންނެވެ.