ޚަބަރު

ބްރެކްސިޓް އެއްބަސްވުމާ މެދު ނެގި އެއްވެސް ވޯޓެއް ފާހެއް ނުވި


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމުގައި އެކުލަވާލާފައިވާ އެއްބަސްވުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދެކޭ ގޮތް ދެނެގަތުމަށް މަޖިލީހުން އިސްނަގައިގެން ނެގި ހުރިހާ ވޯޓެއް ނާކާމިޔާބުވެއްޖެއެވެ. މަޖިލީހުން މިފަދަ ވޯޓެއް ނެގީ އެދުވަހަށް މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމުގެ ބާރު ސަރުކާރުގެ އަތުން އަތުލުމަށްފަހު، މަޖިލީހުން އަމިއްލައަށް އެޖެންޑާ ކަނޑައަޅައިގެންނެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން މިވަނީ، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމުގައި އެކުލަވާލާފައިވާ އެއްބަސްވުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި އޮތް ތާއީދު ވަޒަންކުރުމުގެ ގޮތުން، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމުގެ ބާރު މަޖިލީހަށް ލިބޭނޭ މަގު ފަހިކޮށްފައެވެ. މިކަމަށް ގޮވާލާ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި މަޖިލީހުގެ ތިން ސަތޭކަ އޮނަތިރީސް މެމްބަރުން ވަނީ މިކަމަށް ތާއީދުކޮށް ވޯޓުދީފައެވެ.

މީގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ ތިރީސް މެމްބަރުންވެސް ހިމެނޭއިރު، މޭގެ ސަރުކާރުގެ ތިން ވަޒީރަކުވެސް ވަނީ މިކަމަށް ތާއީދުކޮށް ވޯޓު ދީފައެވެ. އަނެއްކޮޅުން، މިކަމާ ދެކޮޅަށް ވޯޓު ދީފައިވަނީ ތިން ސަތޭކަ ދެ މެމްބަރުންނެވެ. އެހެންނަމަވެސް ބުދަ ދުވަހު ބޭއްވި މި ޖަލްސާގައި ކަންކަން ހިނގާފައިވަނީ ކުރިން ހީކުރި ގޮތާ ޚިލާފަށެވެ. މަޖިލީހުން އެޖެންޑާ ކަނޑައަޅައިގެން ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެއްވެސް ޤަރާރެއް މަޖިލީހުގެ އަގުލަބިއްޔަތުން ފާސްވެފައެއް ނުވެއެވެ.

މި ގޮތުން، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް ފަހުވެސް އެ އިއްތިހާދާއެކު ކަސްޓަމްސް ޔޫނިއަނެއްގައި ބައިވެރިފައި އޮތުމުގެ އިތުރުން މިކަމުގައި ޤާއިމުކުރާ އެއްބަސްވުމަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ހިމެނެއެވެ.

މީގެ އިތުރުން، އިދިކޮޅު ލޭބަރ ޕާޓީއިން މިކަމުގައި ގެންގުޅޭ ޕްލޭނާއި ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއަކުން އިއްތިފާޤުވާ ޕްލޭނެއް އެކުލަވާލުންވެސް ޤާނޫނު ހަދާ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް މީގެ ތެރެއިން އެއްވެސް ޕްލޭނަކަށް ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިފައި ނުވާއިރު އެންމެ ގިނަ މެމްބަރުން އިއްތިފާޤުވަނީ މަޖިލީހުގެ ހުރިހާ ޕާޓިއެއް އެކުވެގެން އެކުލަވާލާ ޕްލޭނަށް އެއްބާރުލުން ދިނުމަށެވެ.