ސިޔާސީ

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެއްވެސް ދައްޗެއް ނެތް


މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި، ސަރުކާރަށް އެއްވެސް ކަހަލަ ދައްޗެއް ނެތްކަމަށާއި، މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ހުރިހާ އިޖުރާޢަތެއް ފުރިހަމަވުމާއިއެކު ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރައްވާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އެމް.ބީ.ސީ ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ލީތެލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ޤަވާއިދު ހަދައި، އެކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަރުގެ ހުކުމަކީ ތަންފީޒުކުރުމަށްފަހު، އަނބުރާ ގެނެވޭނެ އެއްޗެއް ނޫންކަމުން، ކުށުގެ ވެށި ކިތަންމެ ގޯސްވިޔަސް، އަވަސް އަރުވާލާފައި، ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުން ނުވާ ކަމަށާއި، ސްޕްރީމް ކޯޓުން މީހެއްގެ މައްޗަށް މަރުގެ ހުކުމެއް އިއްވާ ހިސާބުން، އެމީހަކަށް ލިބެންޖެހޭ ހުރިހާ ހައްޤަކާއި، ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާޢަތަށް ފުރިހަމަވާ ހިސާބުން މަރުގެ ހުކުމް ތަންފީޒުކުރައްވާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މައްސަލަތައް ތަޙްޤީޤުކޮށް، ޝަރިއަތަށް ފޮނުވުމުގައި ހޭދަވާ ވަގުތު އަވަސްކުރުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށާއި، ތަޙުޤީޤީ މަރުހަލާގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހެކި ބަސް ހޯދުންކަމަށެވެ.ހެކި ބަސް ހޯދުމުގައި ބައެއް ފަރާތްތަކުން ހެކި ބަސް ދިނުމަށް ޖެހިލުންވުމާއި، ހެކި ބަހުގެ ގޮތުގައި ދޭ ބަޔާން ބަދަލުކުރުން ފަދަ ކަންކަން ދިމާވަމުންދާތީ، ފުލުހުން ހުށަހަޅާ ގިނަ ހެކިތައް ބިނާވެފައިވަނީ ފޮރެންސިކް ހެކިތަކުގެ މައްޗަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފޮރެންސިކް އެވިޑެންސްގެ ގޮތުގައި އެއްކުރެވޭ ސާމާނުތައް ތަހުލީލުކުރުމަށް ބޭނުންވާ މެޝިނަޒީޒްތަކާއި، އެކަމަށް ބޭނުންވާ ސާމާނު ހޯދައި، ތަޙުޤީޤީ މަރުހަލާ މިހާރަށް ވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި،  ރާއްޖޭގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީއަކީ މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފެންވަރުގެ ލެބޯޓްރީއެއް ކަމަށްވެސް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.